ސަރުކާރު ޖަވާބުދާރީ ކުރުވަން އެހެން ބައެއްގެ އެހީތެރިކަން ބޭނުން ނުވާ ކަމަށާއި އެކަން ވެސް ކުރަމުން އަންނަނީ މި ސަރުކާރުގެ ތެރެއިން ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ރޭގައި ވިދާޅުވެއްޖެއެވެ.
ޝުޖާއު އެހެން ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ޕީއެންސީގެ ޓިކެޓުގައި ގއ. ވިލިނގިލިން ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން އިފުތިތާހު ކުރުމުގެ ޖަލްސާގައެވެ.
ޝުޖާއު ވިދާޅުވީ، އޭނާ އަށް ފެނިވަޑައިގަންނަވަނީ ސަރުކާރު ޒިންމާދާރުކުރުވުމުގެ ނަމުގައި ކައުންސިލްތަކަށް ކެންޑިޑޭޓުން ހޮވަން މަސައްކަތްކުރާ ތަން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލިހުގައި ވެސް އޮތީ މި ސަރުކާރުގެ ސުޕަމެޖޯރިޓީ ކަމަށް ވާއިރު، އެ މަޖިލިހުގައި ވެސް އިދިކޮޅު ފަރާތްތަކުން ސަރުކާރު ޖަވާބުދާރީ ކުރުވާ މަންޒަރެއް ނުފެންނަ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
އަޅުގަނޑުމެން އަމިއްލަ އަށް އަޅުގަނޑުމެންގެ ސަރުކާރު އެބަ ޖަވާބުދާރީ ކުރުވަން މިހާރު. އެހެންވީމާ އަޅުގަނޑުމެންގެ ސަރުކާރު ޖަވާބުދާރީ ކުރުވާކަށް މި ވަގުތަކު އެހެން ބައެއްގެ އެހީތެރިކަމެއް ބޭނުމެއް ނުއެއް ވެސް ވޭ،“ ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު މިހެން ވިދާޅުވެފައިވާއިރު، ބަޔަކު ސަރުކާރު ޖަވާބުދާރީ ކުރަންދެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނުހުންނަވާކަމަށާއި އެމަނިކުފާނު އަމިއްލަފުޅަށް އެކަން ކުރައްވަމުން ގެންދަވާކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވެސް ވަނީ މީގެކުރިން ވިދާޅުވެފައެވެ.



