ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް ބުނެ ރަޝިއާގައި ޔޫޓިއުބްވެސް ބޭނުންކުރުން އެގައުމުގެ ސަރުކާރުން މަނާކޮށްފިއެވެ.
މިދިޔަ ހަފުތާގައި ރަޝިއާ އިން ވަނީ މެޓަ ކުންފުނިން ހިންގާ ވަޓްސްއެޕް މަނާކޮށްފައެވެ. މި ނިންމުމާ ގުޅިގެން ފޭސްބުކާއި އިންސްޓަގްރާމްގެ މައި ކުންފުނި، މެޓަ އިން ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރަޝިއާ އިން އަންނަނީ އެގައުމުގައި ސޯޝަލް މީޑިއާ ބޭނުންކުރުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރަމުންނެވެ. އެގޮތުން، އެގައުމުގައި މަގުބޫލު ޕްލެޓްފޯމެއް ކަމަށްވާ ޓެލެގްރާމް ބޭނުންކުރުމުގައި ވެސް ދަނީ ހިފަހެއްޓުންތަކެއް ގެންގުޅެމުންނެވެ.
ޔޫޓިއުބް މަނާކުރުމާ ގުޅިގެން އެ ޕްލެޓްފޯމް ހިންގާ ގޫގުލް ކުންފުނިން މިހާތަނަށް ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މި ނިންމުމާ ގުޅިގެން ރަޝިއާގެ ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.




