ވަކި މީހެއްގެ ދަރިއަކަށް ނުވަތަ ވަކި އާއިލާއަކަށް ނިސްބަތްވުމަކީ އެއްވެސް ކުޅުންތެރިއަކު، އެ ކުޅުންތެރިއެއްގެ ޙައްޤަކުން މަހްރޫމްވާންޖެހޭ ސަބަބެއް ނޫން ކަމުގައި ސްޕޯޓްސް ކޮމިޝަނަރު މުޙައްމަދު ތޮލާލް ވިދާޅުވެއްޖެއެވެ.
ތޮލާލް މިހެން ވިދާޅުވެފައި ވަނީ ސްޕޯޓްސް މިނިސްޓްރީގެ ކުޅިވަރު އެވޯޑަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދޮށީ ފިރިހެން ދަރިކަލުން އުމައިރު މުޙައްމަދު މުޢިއްޒު ނޮމިނޭޓްވުމުން ފާޑުކިޔުންތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
އުމައިރު ނޮމިނޭޓްވެފައި ވަނީ، އަހަރުގެ ޒުވާން ކުޅުންތެރިޔާ، ފިރިހެން ކެޓަގަރީ އަށެވެ. މި ކެޓަގަރީއަށް އޭނާ ނޮމިނޭޓްކޮށްފައިވަނީ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ފަރާތުން ޓޭބަލްޓެނިސް ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
ރާއްޖޭގެ ރައީސްއެއްގެ ބޭފުޅަކު ފުރަތަމަ ފަހަރަށް މި ފަދަ އެވޯޑަކަށް ނޮމިނޭޓްވިއިރު، އެއާ ގުޅިގެން ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.
ސްޕޯޓްސް ކޮމިޝަނަރ ތޮލާލް މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުޅިވަރުގަ ވާނުވާ ނޭނގި ނަމަވެސް، ކަންކަމުގެ ޙަޤީޤަތް އޮޅުވާލުމުގެ ބޭނުމުގައި އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ގަނާކޮށް، ފުރާއްސާރަކޮށް، ހަޖޫ ޖެހުމުގެ ސަބަބުން އެ ހަލާކުކޮށްލެވެނީ ޤައުމުގެ ކުޅިވަރުގެ މުސްތަޤްބަލު ކަމުގައެވެ.
”ވަކި މީހެއްގެ ދަރިއަކަށްވުން، ވަކި އާއިލާއަކަށް ނިސްބަތްވުން އެއީ އެ ކުޅުންތެރިއެއްގެ ހައްޤަކުން މަހްރޫމްވާންޖެހޭ ސަބަބެއް ނޫން. އެ ކުއްޖެއްގެ ހުނަރުން އެ ކުއްޖަކު ހޯދާ ކާމިޔާބީއަކީ އެ ކުއްޖެއްގެވެސް އަދި ޤައުމުގެވެސް ކާމިޔާބީއެއް. އޭގެ ފައިދާވެސް މުސްތަޤްބަލްގައި ކުރާނީ ޤައުމަށް.“ ތޮލާލް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ސްޕޯޓްސް ކޮމިޝަނަރު ވިދާޅުވީ، ކުޅުންތެރިން ހޯދާ ކާމިޔާބީގައި އެ ކުޅުންތެރިންނަށް ހިތްވަރުދީ ކުރިއަށް ދިއުމުގެ މަގު ދައްކައިދިނުމަކީ ކުޅިވަރުގެ މުސްތަޤްބަލް އުޖާލާ ކުރުމަށް އެޅޭ ވަރަށް ހަރުދަނާ ފިޔަވަޅަކަށް ވާނެ ކަމަށެވެ.
ރައީސްގެ ދަރިކަލުން އުމައިރާއެކު ދެން އަހަރުގެ ޒުވާން ކުޅުންތެރިޔާގެ ފިރިހެން ކެޓަގަރީގެ އެވޯޑަށް އެ އެސޯސިއޭޝަނުން ނޮމިނޭޓްކޮށްފައިވަނީ ޒީކް ހަސަން ލަތީފެވެ.
އޭގެ އިތުރުން، ބޯޑީބިލްޑިން އެސޯސިއޭޝަން (ބީބީ)ގެ ފަރާތުން ދެ ކުޅުންތެރިއަކާއި ސްވިމިން އެސޯސިއޭޝަން (އެސްއޭއެމް)އިން ކުޅުންތެރިއަކު ނޮމިނޭޓްވެފައިވެ އެވެ. އެ ކުޅުންތެރިންނަކީ:
° މުހައްމަދު ރިހާން ޝިހާމް (އެސްއޭއެމް)
° އިޔަން އަހުމަދު (ބީބީ)
° މުހައްމަދު އަޒާން އަހްމަދު (ބީބީ)



