ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިންޓާންޝިޕް ޕްރޮގްރާމްގެ ދަށުން، ޓެކްނޮލޮޖީ ދާއިރާއަށް ހާއްސަ 25 ފުރުސަތަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
ބީއެމްއެލް އިން ބުނީ، މި ޕްރޮގްރާމަކީ ޒުވާން ދިވެހިންނަށް ބޭންކުގެ ޓެކްނޮލޮޖީ އަދި އެ ނޫންވެސް އެކި ދާއިރާތަކުން އަމަލީ ތަޖުރިބާ ހޯދައިދޭން ފަރުމާކޮށްފައިވާ ފުރުސަތެކެވެ. މި ޕްރޮގްރާމްގެ ދަށުން ބޭންކުގައި އެއް އަހަރު ދުވަހު މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެއެވެ.
މި ޕްރޮގްރާމްގެ ތެރެއިން ބޭންކުން ކުރިއަށްގެންދާ މުހިންމު މަޝްރޫއުތަކުގައި ބައިވެރިވުމާއި ތަޖުރިބާކާރު މުވައްޒަފުންގެ އިރުޝާދުގެ ދަށުން މަސައްކަތް ދަސްކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
އިންޓާންޝިޕަށް ހޮވޭ މީހުންނަށް މަހަކު 11،000 ރުފިޔާގެ އެލަވަންސަކާއި ރޯދަ އިނާޔަތުގެ އިތުރުން އަހަރީ ޗުއްޓީގެ ގޮތުގައި 15 ދުވަސް އަދި އާއިލީ ޒިންމާގެ ބޭނުމަށް 10 ދުވަސް ލިބޭނެ އެވެ.
އިންޓާންޝިޕަށް ކުރިމަތިލެވޭނީ 18 އަހަރުން މަތީގެ ދިވެހިންނަށެވެ. އަދި އެއީ ޓެކްނޮލޮޖީއާ ގުޅުން ހުރި ދާއިރާއަކުން ތައުލީމު ހާސިލުކުރަމުން އަންނަ ނުވަތަ ތައުލީމު ފުރިހަމަކޮށްފައިވާ ފަރާތަކަށް ވާން ޖެހެއެވެ.
އޭގެ އިތުރުން، މި ދާއިރާއިން ފަންނީ ހުނަރު ހުރި މީހުންނަށް ވެސް ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މި ޕްރޮގްރާމްގައި ރަނގަޅަށް މަސައްކަތްކުރާ ފަރާތްތަކަށް ބޭންކުގެ ދާއިމީ ވަޒީފާ ހޯދުމުގެ މަގު ފަހިވެގެންދާނެއެވެ.



