މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާޕާސަނަކަށް ޓޫރިޒަމް ދާއިރާގެ މަޝްހޫރު ވިޔަފާރިވެރިޔާ ހުސައިން އަފީފު (ޗަމްޕާ އަފީފު) މިއަދު އައްޔަނުކޮށްފިއެވެ.
ޗަމްޕާ އަފީފު އެ މަގާމަށް އައްޔަނު ކުރީ މިއަދު ކުރުނބާ މޯލްޑިވްސްގައި ބޭއްވި މަޓީގެ 36 ވަނަ އަހަރީ އާންމު ޖަލްސާގައެވެ.
ޓޫރިޒަމް ދާއިރާގެ ރާއްޖޭގެ އެންމެ މަޝްހޫރު ކުންފުނި، ކްރައުންގެ ހިއްސާދާރު އަދި ޗެއާޕާސަން އަފީފު މީގެ ކުރިން ހުންނެވީ މަޓީގެ ވައިސް ޗެއާޕާސަންގެ މަގާމުގައެވެ.
މަޓީ އުފެދުނީއްސުރެ އެ ޖަމިއްޔާގެ ޗެއާޕާސަނަކީ ޔުނިވާސަލްގެ ޗެއާމަންގެ މަގާމު ފުރުއްވި، ރާއްޖޭގެ ޓޫރިޒަމްގެ ބާނީ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އެވެ. އެމްޔޫ މަނިކު އަވަހާރަވީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގައެވެ.
ރާއްޖެއަށް ޓޫރިޒަމް ތައާރަފު ކުރުމުގައި އެންމެ އިސްކޮށް އުޅުއްވާ ބޭފުޅުން އިސްވެ 1982 ވަނަ އަހަރު އުފައްދާފައިވާ މަޓީގެ އެންމެ ބޮޑު ބޭނުމަކީ ޓޫރިޒަމް ދާއިރާ ކުރިއަރުވައި، އެ ދާއިރާއިން ވިޔަފާރިތަކަށް ފަސޭހަ ފުރުސަތުތަކެއް ހޯދައިދިނުމެވެ. އެއީ ޓޫރިޒަމް ދާއިރާގެ އެންމެ ދުވަސްވީ ޖަމިއްޔާއެވެ.




