ރަމަޟާން މަހާއި ދިމާކޮށް ރަށްރަށުގެ ދަނޑުވެރިން އުފައްދާ ބާވަތްތައް، މާލެ ސަރަޙައްދުގައި ވިއްކޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން ތަރައްޤީކުރާ ވަގުތީ މާރުކޭޓު މި ހިނގާ ފެބްރުއަރީ މަހުގެ 17 ވާ އަންގާރަ ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ބުނެފިއެވެ.
މި މާރުކޭޓު ހުޅުވުމަށް ހަމަޖެހިފައިވަނީ ނޯތު ހާބަރުގައި ކުރިން ކެފޭ ހިންގި ތަނުގައެވެ.
އެ މިނިސްޓްރީން ބުނީ ދަނޑުވެރިން އުފައްދާ ތަކެތި އަންނަ ރަމަޟާން މަހު ފަސޭހައިން ވިއްކޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން މާލޭގައި ތަރައްޤީކުރާ ވަގުތީ މާރުކޭޓުގައި ދަނޑުވެރިކަން ކުރާ 7 ރަށަކުން ބައިވެރިވެފައިވާ ކަމަށެވެ. އޭގެތެރޭގައި ދަނޑުވެރި ކަމަށް މަޝްހޫރު ރަށްތައް ކަމުގައިވާ ށ.ގޮއިދޫ، ގއ.ނިލަންދޫ އަދި ތ.ކަނޑޫދޫ ފަދަ ރަށްތައް ހިމެނެއެވެ.
އެ މާރުކޭޓުން މޯލްޑިވްސް ފުޑް އެގްރިކަލްޗަރަލް ޕްރެކްޓިސެސް، އެމްގެޕް ސެޓިފައިޑް ވެފައިވާ 10 ދަނޑުގެ އުފެއްދުންތައް ލިބޭނެކަން ފާހަގަކޮށް އެގްރިކަލްޗަރ މިނިސްޓްރީން ބުނީ، ވަގުތީ މާރުކޭޓުން ވިއްކާނީ ހަމައެކަނި ރާއްޖޭގެ ދަނޑުތަކުގައި ހައްދާ ކާނާގެ ބާވަތްތައް ކަމަށެވެ. އަދި އެ މާރުކޭޓުގައި ތަކެތި ވިއްކުމުގައި ހަރަކާތްތެރިވާނީ، ދިވެހިންކަމަށް ވެސް ބުނެފައިވެއެވެ.
ވަގުތީ މާރުކޭޓު ހިންގުމުގެ އުސޫލުގައިވާ ގޮތުން، މިއަދުން ފެށިގެން މިމާރުކޭޓަށް މުދާ ވައްދަން ފަށާނެއެވެ. މިމާރުކޭޓުގައި ރާއްޖޭގެ ރަށްރަށުގައި އުފައްދާފައިވާ ރޯ މޭވާއާއި، ތަރުކާރީ ފިޔަވާ އިތުރު ތަކެތި ވިއްކުމަކީ މަނާ ކަމެކެވެ. އަދި އުސޫލުގައިވާ ގޮތުން މި މާރުކޭޓުގައި ބިދޭސީންނަށް ހަރަކާތްތެރި ނުވެވޭނެއެވެ.
މި މާރުކޭޓުގައި ތަކެތި ވިއްކުމަށް ހަމަޖެހިފައިވަނީ، ހެނދުނު 8:00 ފެށިގެން ރޭގަނޑު 11:00 އަށް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި މި މާރުކޭޓު މާރިޗު މަހުގެ 26 ވަނަ ދުވަހަށް ރޯދަމަސް ނިމުމާއެކު ހުސްކުރަން ޖެހޭނެ ކަމަށްވެސް އުސޫލުގައި ބުނެފައިވެއެވެ.



