މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން، އަލަށް ތަރައްގީކުރި ސަރަހައްދު މިއަދު ފަތިހު ހުޅުވައިފިއެވެ.
އެ ސަރަހައްދު މިއަދު ފަތިހު 5:00 ގައި ހުޅުވާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީނު އިއްޔެ ވަނީ ވިދާޅުވެފައެވެ.
އެގޮތުން މިނިސްޓަރ އިއްޔެ ވިދާޅުވީ، ޗާންދަނީ މަގުން ފެށިގެން ފާލަންދޮށު ހިނގުމާ ހަމައަށް ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްޤީކޮށް ހުޅުވާލެވޭ ސެގްމަންޓް، ދެކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި ކަނޑައަޅައި، މިއަދު ފަތިހުން ފެށިގެން މަގު ބޭނުންކުރާ ފަރާތްތަކަށާއި އާންމު ދަތުރުފަތުރަށް ހުޅުވާލާނެ ކަމަށެވެ.
”ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް، ހަތަރު ލޭނު ހިމެނޭގޮތައް ތަރައްޤީކޮށް މި ގެނެވުނު ބަދަލާއެކު އެ ސަރަޙައްދުގައި ދެކޮޅަށް ދުއްވޭނެ އިންތިޒާމު ހަމަޖެހުމުން، ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބިގެންދާނެ.“ ޓްރާންސްޕޯޓު މިނިސްޓަރު ވިދާޅުވެފައިވެއެވެ.
އެ ސަރަހައްދު ރަސްމީކޮށް ހުޅުވުމުގެ ގޮތުން އިއްޔެ ހަވީރު އެ ސަރަހައްދުގައި ވަނީ ގަސް އިންދުމުގެ ޚާއްސަ ހަރަކާތެއް ވެސް ކުރިއަށްގެންގޮސްފައެވެ.

އެ ހަރަކާތުގައި ޓްރާންޕޯޓު މިނިސްޓަރ މުޙައްމަދު އަމީން އާއި، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް އާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ގެ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީ އަދި ދަައުލަތުގެ ބައެއް މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ބޮޑުތަކުރުފާނުމަގު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ އެމްޓީސީސީން ނެވެ. މުޅި މަޝްރޫއު ނިމުމުން ބޮޑުތަކުރުފާނު މަގު ވެގެންދާނީ ޒަމާނީ ފެންވަރުގެ ފެން ހިންދާ ނިޒާމާއެކު، ޓްރެފިކަށް ބޮޑު ލުޔެއް ލިބިގެންދާނެ ހިތްފަސޭހަ މަގަކަށެވެ.
ޖުމްލަ 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ މަސައްކަތް 455 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭއިރު، މުޅި މަޝްރޫއުގެ ދަށުން ހެންވޭރު ޓާމިނަލާ ހަމައަށް މަގު ހަތަރު ލޭނަށް ފުޅާކޮށް ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ.


