ރައްޔިތުންގެ މެދުގައި ދީނީ ގޮތުން ހޭލުންތެރި ކުރަން ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ޝެއިޚް މުޙައްމަދު އިބްރާހީމް (ނައިފަރީ) ގެ ސިއްހީ ހާލަތު ގޯސްވެ ޓްރީޓޮޕް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާދޭން އިއްޔެ ފަށައިފިއެވެ.
ޝެއިޚް ނައިފަރީގެ ސިއްހީ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުންގެންދާ ”އެހީ“ ޖަމިއްޔާއިން ބުނީ، މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ދަރުހެއް ދެއްވުމަށް މާލެ ވަޑައިގަތުމަށްފަހު، ޝެއިޚްގެ ބަލިހާލަތު ދެރަވެ، ހުން ގަދަވުމުގެ ސަބަބުން އިތުރަށް ބެލުމަށާއި ފަރުވާ ހޯދުމަށް އެޑްމިޓްކޮށްފައިވާ ކަމަށެވެ.
”ބައެއް ސީރިއަސް ކަންކަން ހިމެނޭތީވެ ޓެސްޓުތަކެއް ކުރިޔަށް ގެންދާނެ ކަމަށް ޑޮކްޓަރު ވަނީ އަންގަވާފައި. އެންމެ ބޭފުޅުންގެ ހެޔޮ ދުއާ އަށް އެދެން،“ އެ ޖަމިއްޔާއިން ބުނެފައިވެއެވެ.
ޝެއިޚް ނައިފަރީ އާލާސްކަންފުޅާ އުޅުއްވާތާ ދެތިން އަހަރު ވެފައިވާއިރު، ދެ ލޮލުގެ ފެނުން ގެއްލި އެހެނިހެން ސިއްހީ މައްސަލަތަކާ ހެދި މަސައްކަތް ނުކުރައްވާތާ ވެސް އަހަރުތަކެއް ވެއްޖެ އެވެ. ޑޮކްޓަރުންގެ ލަފަޔާ އެކު ޝައިހް ވަނީ 2019 ގައި އަދި 2023 ގައި ވެސް ލޮލުގެ އޮޕަރޭޝަނެއް ކޮށްފަ އެވެ. އެކަމަކު، އެއްވެސް ކުރިއެރުމެއް ނުލިބި ދެ ލޮލުގެ ފެނުން އެއްކޮށް ގެއްލުނީއެވެ.
ޝެއިޚުގެ ލޮލުގެ ކަންކަމާއި ހުރިހާ ޓެސްޓު ހެދުމަށް މީގެ ކުރިން އާންމުންގެ އެހީއަށް އެހީ ޖަމިއްޔާއިން ހުޅުވާލި އެވެ. ޖުމްލަ 308،400 ރުފިޔާ ހޯދަން އެހީއަށް ހުޅުވާލިއިރު، 24 ގަޑިއިރު ނުވަނީސް އެ އަދަދު ހަމަވިއެވެ.
އާންމުންގެ އެހީއާ އެކު ތައިލެންޑަށް ވަޑައިގެން، އެ ގައުމުގެ ތިން ހޮސްޕިޓަލަކަށް ލޮލުގެ މައްސަލަ ވަނީ ދައްކައިފަ އެވެ. އެހީގެ ޖަމިއްޔާއިން ބުނި ގޮތުގައި ތިން ހޮސްޕިޓަލުން ވެސް ބުނެފައިވަނީ ޝައިހްގެ ލޯ މިހާރު ހުރި ހާލަތުން އިތުރު އޮޕަރޭޝަނެއް ނުކުރެވޭނެ ކަމަށެވެ. ލޯ މިހާރު ހުރި ހާލަތުގައި ދަމަހައްޓަން ދީފައިވަނީ ބޭހެވެ.
ގާތްގަނޑަކަށް މަހެއްހާ ދުވަހު ޝެއިޚް ތައިލެންޑްގައި ފަރުވާއަށް ހުންނެވިއިރު ލޮލުގެ އިތުރުން ކިޑްނީ އާއި ހިތުގެ މައްސަލަތަކަށް ވެސް ޑޮކްޓަރުންނަށް ދެއްކިއެވެ.
ޝެއިޚް މުޙައްމަދު އިބްރާހީމް އަކީ މަދީނާއިން ކިޔަވައި ވިދާޅުވި ބޭފުޅެކެވެ. މީގެކުރިން ޝެއިޚް ވަނީ އެކި ދާއިރާތަކުން ފޮތްތައް ވެސް ލިޔުއްވައިފައެވެ. އޭނާގެ ބައެއް ފޮތްތަކުގެ ތެރޭގައި ހިސްނުލް މުސްލިމް، ކިތާބުއްސިޔާމު، ނަބީބޭކަލުންގެ ތަރިކަ، ތައުހީދުގެ ހުލަސާ، ކިތާބުއް ސަލާތު ހިމެނެއެވެ.




