މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް މޫސާ މަނިކު (ކުޑަމޫސަ) އާއި އޭނާގެ ކޮއްކޮ މުހައްމަދު ނަދީމަށް ރޭގައި ދީފިއެވެ.
ކުޑަމޫސަ އަކީ ދިވެހި ފުޓްބޯޅައިގެ ޚާއްސަ ޝަހުސިއްޔަތެކެވެ. އަދި ނަދީމަކީ ވެސް ފުޓްބޯޅައިގެ އިތުރުން ވޮލީބޯޅައިގައި ވެސް ފާހަގަ ކޮށްލެވޭ ތަރިއެކެވެ.
ކުޑަމޫސަ އަށާއި ނަދީމަށް ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ހަވާލުކޮށްދެއްވީ ޒުވާނުންގެ މަރުކަޒުގައި ބޭއްވި އެވޯޑް ހަފުލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ސްޕޯޓްސް މިނިސްޓްރީން އިންތިޒާމުކޮށްގެން ބޭއްވި މި އެވޯޑުގައި މޫސަ އާއި، ނަދީމަށް ލައިފްޓައިމް އެޗީވްމަންޓް އިނާމު ދިނީ ދިގު މުއްދަތެއްގައި ދިވެހި ކުޅިވަރަށް ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކުޑަމޫސަ އަކީ، އޭނާގެ ރަން ދުވަސްވަރު ވޮލީބޯޅަ އާއި ބައިސިކަލް ރޭސް ހިމެނޭހެން ވަރަށް ގިނަ ކުޅިވަރުތަކެއްގައި ވިދާލި ކުޅުންތެރިއެކެވެ.
ނިއު އިން ކެރިއަރު ފަށައި އެ ޓީމާ އެކު ބޮޑެތި ކާމިޔާބީތަކެއް ހޯދުމަށް ފަހު މޫސަ 1992 ވަނަ އަހަރު ވެލެންސިއާ އަށް ބަދަލުވީ، ރާއްޖޭގައި މުސާރައަށް ޕްރޮފެޝަނަލް އުސޫލުން ކުޅުނު ފުރަތަމަ ކުޅުންތެރިޔާގެ ގޮތުގަ އެވެ. މޫސަ ވަނީ ވެލެންސިއާއާ އެކު ވެސް ކާމިޔާބީ ހޯދައިފަ އެވެ. އޭގެ ފަހުން ހުއްރިއްޔާ އަށް ބަދަލުވެ އެ ޓީމަށް ކުޅުމުގެ އިތުރުން ކޯޗުކޮށްދީ، ތަށި ހޯދައިދިނެވެ.
މޫސަގެ ކޮއްކޮ ނަދީމަކީ، ފުޓްބޯޅަ، ވޮލީބޯޅަ، އަދި އެތުލެޓިކްސްގެ ހުނަރުވެރިއެކެވެ. ފުޓްބޯޅައިގައި އޭނާ ވަނީ ވެލެންސިއާ، ނިއު، އޯކިޑް، އަދި ހުއްރިއްޔާގެ މެދުތެރޭގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެތުލެޓިކްސްގައި އޭނާ އަކީ ރެކޯޑް ދެމެހެއްޓި ފީލްޑް އެތުލެޓީކެވެ.
ވޮލީބޯޅައިގައި ނަދީމް ވަނީ ރާއްޖޭގެ ބޮޑެތި ޓީމުތަކަށް ކުޅެ ގައުމީ ފެންވަރުގައި ވަރަށް ގިނަ ކާމިޔާބީ ހޯދައި، އިންޑިވިޖުއަލް އެތައް މަގާމެއް ވެސް ހޯދައިފަ އެވެ. ފަހުން އޭނާ ބޮޑަށް ހަރަކާތްތެރިވީ ވޮލީބޯޅައިގެ ކޯޗިންގަ އެވެ. އެގޮތުން ވަރަށް ގިނަ ކްލަބްތަކަށް ތަށި ހޯދައިދީފައިވެ އެވެ. އަދި ގައުމީ ފިރިހެން ޓީމާއި، އަންހެން ޓީމަށް ވެސް ކޯޗުކޮށްދިނެވެ.




