ގއ. ދެއްވަދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ދެ ޒުވާނުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. ދެއްވަދޫ / ގާވިޔާ، މަމްނޫހު ޒާހިރު (28އ) އާއި ގދ. ތިނަދޫ / ވައިޓްހިލް، އާއިޝަތު މޫސާ (34އ) އެވެ.
މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ ގދ. ތިނަދޫން ދެއްވަދުއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތު ކުރެވިގެން ދެއްވަދޫ ޕޮލިހުން ހިންގި އޮޕަރޭޝަންގައެވެ. މި މަހު 13 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެ ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ސެލޯފިންކޮޅާއި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



