އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އޮންނަ، ލޯކަލް ކައުންސިން އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދެ މައްސަލަ މާދަމާ ނިންމަން ތާވަލުކޮށްފިއެވެ.
އިންތިހާބާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދެ މައްސަލައަކީ، އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ރައްދުވާ ގޮތަށް، ފާޠިމަތު ސޫޒަން / ލަކުސަވީ، ކ. ތުލުސްދޫ ހުށަހެޅި މައްސަލައަކާއި، ޢަބްދުލްމަޖީދު / ރިނދަލިގެ، ކ. ގުރައިދޫ ހުށަހެޅި މައްސަލައެކެވެ. މި މައްސަލަތަކުގެ އަޑު އެހުންތައް މިދިޔަ ހަފުތާގައި ސުޕްރީމް ކޯޓުންވަނީ ނިންމާލާފައެވެ. އަދި މާދަމާ މި ދެ މައްސަލައިގެވެސް ހުކުމް ކުރުމަށް ވަނީ ތާވަލުކޮށްފައެވެ.
ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދެ މައްސަލައިގެ ތެރެއިން، ފާޠިމަތު ސޫޒަން ހުށަހެޅި މައްސަލައަކީ، ތުލުސްދޫ ކައުންސިލްގެ އަންހެން މެންބަރު ކަމަށް އަމިއްލަ ގޮތުން ކުރިމަތިލާން ހުށަހެޅި އެޕްލިކޭޝަން ބަލައިނުގަތް މައްސަލައެވެ. މި މައްސަލަ ބަލާ ބެންޗުގައި ހިމެނެނީ ފަނޑިޔާރު އަބްދުﷲ ހަމީދު، ޑރ. މުހައްމަދު އިބްރާހީމް އަދި އަލީ ރަޝީދު ހުސެއިންއެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅުނު ދެވަނަ މައްސަލައަކީ، ޢަބްދުލްމަޖީދު، ރިނދަލިގެ، ކ. ގުރައިދޫ ހުށަހެޅި މައްސަލައެކެވެ. މިއީ ގުރައިދޫ ކައުންސިލްގެ ރައީސްކަމުގެ މަގާމަށް އަމިއްލަ ގޮތުން ވާދަކުރަން ހުށަހެޅި ހުށަހެޅުން ރިޖެކްޓް ކުރި މައްސަލައެވެ. މި މައްސަލަ ބައްލަވާ ބެންޗުގައި ހިމެނެނީ ފަނޑިޔާރު ހުސެއިން ޝަހީދު، އައިޝާ ޝުޖޫން މުހައްމަދު އަދި މުހައްމަދު ސަލީމްއެވެ.
މި ދެ މައްސަލަވެސް އެންމެ ފުރަތަމަ ހުށަހެޅީ ހައިކޯޓަށެވެ. އެކަމަކު ހައިކޯޓުން މައްސަލަ ބަލައި ނުގަތީއެވެ.




