އުމުރުން 15 އަހަރުގެ ކުޑަ ކުއްޖަކު ގްރޫމްކޮށް، އެކްސްޕްލޮއިޓްކޮށް އެ ކުއްޖާއަށް ޖިންސީގޯނާކުރިކަމުގެ ތުހުމަތުގައި ފުލުހުން އަންހެނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ފާޠިމަތު ރީމާ (35އ) އެވެ.
މި މައްސަލައާ ގުޅިގެން ރީމާ ހައްޔަރުކޮށްފައިވަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި ކްރައިމް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ޑިސެންބަރު 29 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާގެ މައުލޫމާތު ފުލުހުން ހާމަކޮށްފައި ވަނީ މިއަދެވެ.
އޭނާ ބަންދުގައި ބަހައްޓަން އެންމެ ފަހުން ޖެހި މުއްދަތު ހަމަވާނީ މި މަހު 28 އަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި، ގްރޫމްކޮށް އެކްސްޕްލޮއިޓްކޮށް، ޖިންސީގޯނާ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވެނީ 15 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.




