ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ 40 ތެރަޕިސްޓުން ހޯދުމަށް ހެލްތް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
ހެލްތް މިނިސްޓްރީން ބުނިގޮތުގައި، ހޯދުމަށް އިއުލާންކޮށްފައިވަނީ ހަތަރު ދާއިރާއަކުން ތެރަޕިސްޓުންނެވެ. އެއީ ސްޕީޗް ތެރަޕިސްޓް، ބިހޭވިއަރަލް ތެރަޕިސްޓް، އޮކިއުޕޭޝަނަލް ތެރަޕިސްޓްއަދި ސައިކޯތެރަޕިސްޓް އެވެ.
މީގެ ތެރެއިން ކޮންމެ ދާއިރާއަކުން 10 ތެރަޕިސްޓުން ހޯދުމަށް ވަނީ ނިންމާފައެވެ. މި ވަޒީފާތަކަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ދިވެހި ތެރަޕިސްޓުން ތަމްރީންކުރުމުގެ ގައުމީ މަޝްރޫއެއް ފެއްޓެވުމަށް ނިންމަވާފައެވެ. މިއަހަރުގެ ރިޔާސީ ބަޔާނުގައި އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މި ދާއިރާއިން 250 ދިވެހިން އުފެއްދުމަށްޓަކައި ޑިގްރީ ފެންވަރަށް ތައުލީމާއި ތަމްރީނު ދިނުމުގެ ކޯސްތަކެއް ހިންގުމަށް ވަނީ ރޭވިފައެވެ.
މި މަޝްރޫއު މިއަހަރުގެ މާރިޗު މަހުގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.




