ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ޑޮމެސްޓިކް ޓަރމިނަލް، ކުރީގެ އިންޓަރނޭޝަނަލް ޓަރމިނަލްއަށް މާދާމާއިން ފެށިގެން ބަދަލުކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނިންމައިފިއެވެ.
މި ބަދަލާއެކު އެތެރޭގެ އުދުހުންތަކުގެ ޚިދުމަތްތައް ދެން ދެމުންދާނީ ކުރިން ބައިނަލްއަޤުވާމީ ދަތުރުތަކަށް ބޭނުންކުރި އިމާރާތުގައެވެ.
އެމްއޭސީއެލްއިން ހާމަކުރި ގޮތުގައި ކުރީގެ އިންޓަރނޭޝަނަލް ޓަރމިނަލަށް މިހާރުގެ ޑޮމެސްޓިކް ޓަރމިނަލް ބަދަލުކުރުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް މިހާރު ވަނީ ނިމިފައެވެ. އެގޮތުން އެ އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، މަރާމާތުގެ މަސައްކަތްތައް އެއްކޮށް ނިންމާލާފައިވާ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
ވީއައިއޭގެ އައު އިންޓަރނޭޝަނަލް ޓަރމިނަލްގެ މަސައްކަތް ނިންމާ، މިދިޔަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ވަނީ ރަސްމީކޮށް ހުޅުވާފައެވެ. އެ ޓަރމިނަލް ހުޅުވުމާއެކު، ކުރީގެ އިންޓަރނޭޝަނަލް ޓަރމިނަލުން ދެމުންދިޔަ ހުރިހާ ޚިދުމަތްތަކެއް ވަނީ އައު ޓަރމިނަލަށް ބަދަލުކޮށްފައެވެ.
ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް މިހާރު ދެމުންދަނީ ތިން އެއާލައިނަކުންނެވެ. އެއީ ގައުމީ އެއާލައިން މޯލްޑިވިއަންގެ އިތުރުން މަންޓާ އެއާ އަދި ވިލާ އެއާއެވެ.



