އިންޑިއާ ކަނޑުގެ ސަރަހައްދުގައި އޮންނަ މަޑަގަސްކަރައަށް އެރި ބާރުގަދަ ތޫފާން ”ގެޒާނީ“ ގެ ސަބަބުން މަރުވި މީހުންގެ އަދަދު 59 އަށް އަރައިފި ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.
މިދިޔަ އަންގާރަ ދުވަހު އެ ގައުމުގެ ޓޮއަމަސިނާ ސަރަހައްދަށް އެރި މި ތޫފާނުގެ ސަބަބުން ގައުމުގެ އެކި ހިސާބުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
މަޑަގަސްކަރައިގެ ނޭޝަނަލް ބިއުރޯ ފޯ ރިސްކް އެންޑް ޑިޒާސްޓާ މެނޭޖްމަންޓް (ބީއެންޖީއާރުސީ) އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި ކާރިސާގައި 16,428 މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. މީގެ އިތުރުން 15 މީހަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ އިރު، 804 މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ. ޖުމްލަ ގޮތެއްގައި މި ތޫފާނުގެ އަސަރު 423,986 މީހުންނަށް ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުގައި ތޫފާން ”ގެޒާނީ“ އެންމެ ބާރުގަދަވި ވަގުތު ގަޑިއަކު 185 ކިލޯމީޓަރު (115 މޭލު) ބާރުމިނުގައި ވައިޖެހިފައިވެއެވެ. އަދި ވައިގެ ބާރުމިން އެންމެ ގަދަވި ވަގުތުތަކުގައި ގަޑިއަކު 270 ކިލޯމީޓަރަށް ވައި ބާރުވެފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ. މި ބާރުގަދަ ވަޔާއެކު އިމާރާތްތަކުގެ ފުރާޅުތައް އުދުއްސާލައި، ބޮޑެތި ގަސްތައް މުލުން ލުހިގެން ގޮސްފައިވާ ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެއެވެ.
ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުންނާއި މަގުތަކަށް ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން އެހީ ފޯރުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް މަޑަގަސްކަރައިގެ ޑިޒާސްޓާ މެނޭޖްމަންޓް އޮފީހުން ވަނީ ބުނެފައެވެ.



