ރަމަޟާން މަހާ ދިމާކޮށް، ރާއްޖެއަށް އެތެރެކުރާ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ވީހާވެސް އަވަހަށް ކްލިއަރ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން 3,000 އަކަފޫޓުގެ ޝެޑެއް ހަދައިފިއެވެ.
އެމްޕީއެލުން ބުނީ، މި ޝެޑް ހެދުމުގެ މައިގަނޑު މަގުސަދަކީ އަވަހަށް ހަލާކުވާ ޒާތުގެ މުދާ މާލެ ސަރަހައްދުގެ ބަނދަރުން ވީހާވެސް އަވަހަށް ނެރެވޭނެ މަގު ފަހިކޮށްދިނުމެވެ.
މި އައު ޝެޑާއެކު، މުދާ ބޭލުމުގެ މަރުހަލާގައި ކުރިމަތިވާ ދަތިތަކަށް ހައްލެއް ލިބި، ވިޔަފާރިވެރިންނަށް މުދާ ކްލިއަރ ކުރުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި އިންތިޒާމުގެ ސަބަބުން ބާޒާރުގައި މުދާ ލިބުން ތަދުވިޔަ ނުދީ ހިފެހެއްޓުމަށް ބޮޑު އެހީއަކަށް ވާނެ ކަމަށް އެމްޕީއެލުން ފާހަގަކުރެއެވެ. ޚާއްޞަކޮށް ރަމަޟާން މަހަކީ އާންމުކޮށް ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ މިންވަރު އިތުރުވާ ދުވަސްވަރަކަށް ވާތީ، ވިޔަފާރިވެރިންނަށް އެ ތަކެތި އަވަހަށް ބޭލުމާއި ކްލިއަރެންސް މަރުހަލާ އަވަސްކޮށްދިނުމަކީ އެމްޕީއެލްގެ މުހިންމު އަމާޒެކެވެ.
އެމްޕީއެލުން އިތުރަށް މައުލޫމާތު ދިން ގޮތުގައި، މި ޝެޑްގެ ސަބަބުން ރައްކާތެރިކަމާއެކު މުދާ ބެހެއްޓުމަށް އިތުރު ޖާގަ ލިބިގެންދާނެއެވެ. މީގެ ސަބަބުން މުދަލަށް ލިބިދާނެ ގެއްލުންތަކުން ސަލާމަތްވެ، މުދަލުގެ ފެންވަރު ހިފެހެއްޓުމަށް މަގުފަހިވާނެއެވެ.
ކޮންމެ އަހަރެއްގެ ރަމަޟާން މަހަކީވެސް ގިނަ އަދަދަކަށް ކާބޯތަކެތި ރާއްޖެއަށް އެތެރެކުރާ ދުވަސްވަރަކަށް ވާތީ، އެމްޕީއެލުން އަންނަނީ ބަނދަރުގެ އޮޕަރޭޝަންތައް ވަރުގަދަކޮށް، މުދާ ކްލިއަރ ކުރުމުގެ މަސައްކަތް ލުއިފަސޭހަ ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
މިގޮތުން ބަނދަރުގެ ޖާގަ އިތުރުކުރުމާއި، ވަސީލަތްތައް ތަރައްގީކުރުމުގެ މަސައްކަތްތައް އެކުންފުނިން މެދުނުކެނޑި ކުރިއަށްގެންދެއެވެ.




