އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ބޮޑު ސަރަހައްދެއް އެއީ އިސްރާއީލް ދައުލަތުގެ މިލްކެއް ނުވަތަ ސްޓޭޓް ޕްރޮޕަޓީއެއް ކަމަށް ކަނޑައެޅުމަށް ނިންމި ނިންމުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ނެރުނު ބަޔާނެއްގައި ވަނީ އިސްރާއީލުގެ މި އަމަލަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނީ، އިސްރާއީލުގެ އެ ނިންމުމަކީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމަށް ހިންގާ ބައިނަލްއަގުވާމީ ގޮތުން މަނާ އިސްތިއުމާރީ ސިޔާސަތުތަކުގެ ފުޅާކުރުމެއް ކަމަށެވެ. އަދި މިފަދަ ނިންމުންތަކަކީ އެ ސަރަހައްދުގައި ގާއިމުކުރަން މަސައްކަތްކުރާ ދާއިމީ އަދި އިންސާފުވެރި ސުލްހައަށް އޮތް ބޮޑު ހުރަހެއް ކަމަށްވެސް ސަރުކާރުން ފާހަގަކުރައްވައެވެ.
ރާއްޖެއިން ވަނީ އިސްރާއީލުގެ މިފަދަ ޣައިރު ގާނޫނީ އަމަލުތައް ހުއްޓުވުމަށާއި، ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ. ގެ ގަރާރުތައް ތަންފީޒުކޮށް އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައެވެ. މީގެ އިތުރުން، ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމުކުރުމަށް ކުރާ މަސައްކަތަށް ރާއްޖޭން ދޭ އެއްބާރުލުން މި ބަޔާނުގައި ވަނީ ތަކުރާރުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބައިނަލްއަގުވާމީ މަސްރަހުގައި ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރަމުންދާއިރު، އިސްރާއީލުގެ މި ނިންމުމާ ގުޅިގެން ފަލަސްތީނުގެ ސަރުކާރުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ފަލަސްތީނުން ވަނީ އެމެރިކާ އާއި އދ. ގެ ސަލާމަތީ މަޖިލީހުން މިކަމުގައި ވަގުތުން ފިޔަވަޅު އެޅުމަށް އެދިފައެވެ.
އިސްރާއީލުން މި ބަދަލު ތަންފީޒު ކުރަން ނިންމާފައިވަނީ ހުޅަނގު އައްސޭރީގެ ”އޭރިޔާ ސީ“ ނަމަކަށް ކިޔާ ސަރަހައްދަށެވެ. މިއީ 1990 ގެ އަހަރުތަކުގައި އޮސްލޯ އެކޯޑްގެ ދަށުން ބެހިފައިވާ ތިން ސަރަހައްދުގެ ތެރެއިން އިސްރާއީލުގެ ފުރިހަމަ ބާރުގެ ދަށުގައި އޮތް ސަރަހައްދެކެވެ.



