ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ވޯލްޑް ޓްރެވަލް އެވޯޑްސް އިންޑިއަން އޯޝަން ގާލާ ހަފްލާ މިއަހަރު ރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ.
މި ތާރީޚީ ހަފްލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދުވަސް ކަމަށްވާ 27 ސެޕްޓެމްބަރު 2026 ގައެވެ. މިއީ 10 އަހަރުގެ މެދުކެނޑުމަކަށްފަހު މި އެވޯޑު ހަފްލާ ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.
1993 ވަނަ އަހަރު އުފެދުނު ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ މަތީ ފެންވަރުގެ ޚިދުމަތްތައް ފާހަގަކޮށްދޭ އެންމެ އިތުބާރު ހުރި އެވޯޑެވެ. މިހާރު 33 ވަނަ އަހަރަށް ގުނަމުންދާ މި އެވޯޑަކީ، ފަތުރުވެރިކަމުގެ މަންޒިލްތަކާއި، އެއަރލައިންތަކާއި، ހޮޓެލް، ރިސޯޓްތަކުގެ އިތުރުން ކްރޫޒް އޮޕަރޭޓަރުން ހިމެނޭހެން މި ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ދެވޭ އެވޯޑެކެވެ.
މި އެވޯޑަށް ހޮވޭ ފަރާތްތައް ކަނޑައަޅަނީ ދާއިރާގެ މާހިރުންނާއި، އިސްވެރިންގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ޚިދުމަތްތައް ލިބިގަންނަ ފަރާތްތަކުގެ ވޯޓުންނެވެ.
މިއަހަރުގެ އިންޑިއަން އޯޝަން ގާލާ ސެރެމަނީ ރާއްޖޭގައި ބޭއްވުމަކީ، ލަގްޒަރީ، ދެމެހެއްޓެނިވި އަދި ތަފާތު ތަޖުރިބާތައް ފޯރުކޮށްދިނުމުގައި ދުނިޔޭގެ ފެންވަރުގައި ރާއްޖެއިން ދަމަހައްޓަމުންދާ ކުރިއެރުމާއި އިސްނެގުން ހާމަކޮށްދޭ ވަރުގަދަ ހެއްކެކެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސްގައި ދިވެހިރާއްޖެއިން ވަނީ މެދުނުކެނޑި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ވިދިވިދިގެން 6 ފަހަރު ”ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން“ ގެ އެވޯޑު ކާމިޔާބު ކުރުމުގެ އިތުރުން، އިންޑިއާ ކަނޑުގެ އެންމެ މަގުބޫލު މަންޒިލްގެ ލަގަބުވެސް ރާއްޖެއިން ވަނީ ތަކުރާރުކޮށް ހޯދާފައެވެ.
މި ތާރީޚީ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން، ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން ”ވިޒިޓް މޯލްޑިވްސް ވީކް” ގެ ނަމުގައި ކުލަގަދަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވަނީ ނިންމާފައެވެ. މި ހަރަކާތުގެ ތެރޭގައި ސިނާއަތުގެ އިސް ފަރާތްތަކުގެ ފޯރަމްތަކާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި އައު އީޖާދުތަކާ ބެހޭ މަޝްވަރާތަކުގެ އިތުރުން ރާއްޖެ އިޝްތިހާރު ކުރުމުގެ ތަފާތު ހަރަކާތްތައް ކުރިއަށްދާނެއެވެ.



