ޖިންސީ ގޯނާގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ބްރައިޓް މައިންޑްސް ޓިއުޝަން ސެންޓަރުގެ ވެރިޔާ، ހުޅުމާލެ ޚައިރާތު / އަލީ އަފްލަހު (27އ.)، މެދުކެނޑުމެއްނެތި ތިން އަހަރު ތަކުރާރުކޮށް ކުޑަ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ފުލުހުން ތުހުމަތު ކޮށްފިއެވެ.
އަފްލަހުގެ ވަނަވަރު މިއަދު ހާމަކުރަމުން ފުލުހުން ބުނީ އަފްލަހު ހައްޔަރު ކުރީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ އެކިދުވަސްމަތިން ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި ކަމަށެވެ.
އަފްލަހު ހައްޔަރުކޮށްފައިވަނީ މިމަހުގެ 11 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށާއި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކުޑަކުއްޖެއްގެ އުމުރުން 14 އަހަރުން ފެށިގެން 16 އަހަރާ ދެމެދު ތަކުރާރުކޮށް އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި، ދަރިވަރަކަށް ޖިންސީ ގޯނާކުރިކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ބްރައިޓް މައިންޑްސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޑެޓްގެ ވެރިޔާ އަދި ޓީޗަރު އަފްލަހު ހައްޔަރުކުރީ ރާއްޖެއިން ބޭރުގައި ފިލައިގެން ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށް ފަހު، އިންޑިއާގެ މުމްބާއީގެ ފްލައިޓަކުން އޭނާ އެނބުރި ރާއްޖެ އައުމުންނެވެ.
އޭނާއަށް ތުހުމަތު ކުރަނީ ދަރިވަރަކަށް ގިނަ ދުވަސްތަކެއް ވަންދެން ޖިންސީ ގޯނާކޮށް، ގްރޫމްކުރުމުންކަން ވެސް ވަނީ އެނގިފަ އެވެ. އަދި މި އަނިޔާގެ ޝިކާރައަކަށްވި ކަމަށް ތުހުމަތުކުރާ ކުއްޖާ ވަނީ ފުލުހުންނަށް ބަޔާން ވެސް ދީފައެވެ.



