މާލެ ސިޓީ ކައުންސިލްގެ ރަސްމީ ޢާއްމު ޖަލްސާއެއް މިއަދު ބާއްވަން އެޖެންޑާކޮށް، ޖަލްސާގެ ކޯރަމްވެސް ބަރާބަރަށް ހަމަވެފައި އޮއްވާ، ކޯރަމް ހަމަނުވާކަމަށް އިޢުލާނުކޮށް މޭޔަރު އާދަމް ޢާޒިމް ޖަލްސާ ކުރިއަށް ނުގެންގޮސް ނިންމާލި ކަމަށާއި މިއީ، މޭޔަރު އާޒިމް މަގާމުގެ ނުފޫޒުގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފައިގެން ގަސްތުގައި ވަމުންދާ ބޮޑު އިހުމާލެއް ކަމުގައި ޑެޕިއުޓީ މޭޔަރު މުޙައްމަދު އަރީޝް ތުހުމަތު ކުރައްވައިފިއެވެ.
އަރީޝް މިހެން ވިދާޅުވީ މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައެވެ.
މާލެ ސިޓީ ކައުންސިލްގެ ރަސްމީ ޢާއްމު ޖަލްސާތައް ބާއްވާ ދުވަހަކީ ކޮންމެ ހަފުތާއެއްގެ ބުދަ ދުވަސްކަމަށް ކަނޑައަޅައި އެކަން ދާއިމީކޮށް ކުރަމުން އަންނަތާ އެތައް ދައުރެއް ފާއިތުވެފައިވާކަން އަރީޝް ފާހަގަކުރެއްވިއެވެ.
”ނަމަވެސް 4 ވަނަ ދައުރުގެ 234 ވަނަ ޖަލްސާ މިއަދަށް (އަންގާރަ ދުވަހަށް) މޭޔަރު އާދަމް ޢާޒިމް އެޖެންޑާ ކުރީވެސް ކުއްލިއަކަށް. ބެލެވޭ ގޮތުގައި އެއީ ކޯރަމް ހަމަނުވުމުގެ އިލްޒާމު ކައުންސިލަރުންގެ ބޮލުގައި އަޅުވަން. މިއަދަށް އެޖެންޑާކުރި ރަސްމީ ޢާއްމު ޖަލްސާއަށް ސާފުކޮށް ކޯރަމް ހަމަވާ ވަރަށް، ކައުންސިލްގެ 10 މެންބަރުން ގަޑިއަށް ހާޒިރުވި“ އަރީޝް ވިދާޅުވިއެވެ.
އަރީޝް ވިދާޅުވި ގޮތުގައި މިއަދުގެ ޖަލްސާއަށް ހާޒިރުވި މެންބަރުންނަކީ:
1- މޭޔަރު އާދަމް ޢާޒިމް
2- ޑިޕިއުޓީ މޭޔަރ ޢަރީޝް
3- ކައުންސިލަރ އައިމަން
4- ކައުންސިލަރ ނަޙުލާ
5- ކައުންސިލަރ ރީޙާން
6- ކައުންސިލަރ ސަޢީދާ
7- ކައުންސިލަރ ސައިފް
8- ކައުންސިލަރ ރިޝްފާ
9- ކައުންސިލަރ ނިޒާމް
10- ކައުންސިލަރ މަރިޔަމް ނާޒިމާ
އަރީޝް ވިދާޅުވީ، 10 ކައުންސިލަރުން ގަޑިއަށް ހަމަވެ، ކޯރަމް ލިބިފައި ވަނިކޮށްވެސް، ކޯރަމް ހަމަނުވާ ކަމަށް އިޢުލާނުކޮށް، ވަރަށް ޚުދުމުޚްތާރު ގޮތަކަށް މޭޔަރު އާދަމް އާޒިމް ކެންސަލްކުރި މި ޖަލްސާއަށް އެޖެންޑާކޮށްފަައި އޮތް އެއްކަމަކީ، ސިނަމާލެ ފްލެޓްތަކުގެ ޖޫރިމަނާ މަޢާފްކޮށްދިނުން ކަމަށެވެ.
”ސިނަމާލެ ފްލެޓްތަކުގެ ޖޫރިމަނާ މަޢާފްކޮށްދިނުމަކީ، މިއަހަރުގެ ޖެނުއަރީމަހު 5 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމެއް. އަދި އެ ނިންމުން ތަންފީޒުކުރަން 7 ޖެނުއަރީގައި ވަނީ މާލެ ސިޓީ ކައުންސިލަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގަވާފައި. ރައީސުލްޖުމްހޫރިއްޔާ ސިނަމާލެ ފްލެޓްތަކުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައިވެސް މިކަން ނިންމަވާ ސިޓީ ކައުންސިލަށް އަންގަވާފައިވާކަމުގެ މަޢުލޫމާތު ސިނަ މާލެ ފްލެޓްތަކުގެ ރައްޔިތުންނަށް ދެއްވާފައިވޭ. މިގޮތަށް މާކުރިން ނިމި ހަމަޖެހިފައިވާ ކަމެއް މި ޖަލްސާއަށް މޭޔަރު އާދަމް ޢާޒިމް އެޖެންޑާ ކުރެއްވި ސަބަބެއް ނޭނގެ. ކައުންސިލަރުންނާ މަޝްވަރާވެސް ކޮށް ނުލާ އަންގާރަ ދުވަހު ރަސްމީ ޢާއްމު ޖަލްސާއެއް ކުއްލިއަކަށް ބާއްވަން ނިންމި ސަބަބެއްވެސް ނޭނގެ. އަދި ސާފުކޮށް ކޯރަމް ހަމަވެފައި އޮއްވާ މިއަދުގެ ޖަލްސާ ކެންސަލްކުރި ސަބަބެއްވެސް ނޭނގެ.“ ޑެޕިއުޓީ މޭޔަރު ވިދާޅުވިއެވެ.
މީގެއިތުރުން އަރީޝް ވިދާޅުވީ، މޭޔަރު އާޒިމްގެ ކިބައިން މުޅީންވެސް މި ފެންނަނީ ކައުންސިލަރުންގެ ބަހެއް އެހުމަކާ ނުލައި އަމިއްލަ އެދުންތައް ހާސިލްކުރުމަށް ކަންކަން ރާވާ، އަދި ޤާނޫނާ ޚިލާފަށް ޖަލްސާތައް ކެންސަލްކޮށް، މާލެ ސިޓީގެ ރައްޔިތުންނާ، އެ ރައްޔިތުން އިންތިޚާބުކުރި ކައުންސިލަރުންގެ ޙައްގުތަކަށް އަރައިގަންނަ މަންޒަރު ކަމަށެވެ.



