މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ގެންގުޅޭ ”ރަންދިހަފަހެއް“ ނޫޓު ސީރީޒްގެ 20 ރުފިޔާ އާއި 100 ރުފިޔާގެ އަލަށް ގެނައި ނޫޓުތައް ބާޒާރަށް ނެރެ، ދައުރުކުރަން ފަށައިފިއެވެ.
އެމް.އެމް.އޭ އިން ބުނީ މިއީ، އިޤްތިސާދުގައި އަލަށް އުފެދޭ ޑިމާންޑަށާއި އަދި އެ ބޭންކަށް ލިބޭ ބާވެ ހަލާކުވެފައިވާ ނޫޓުތަށް އައުކުރުމަށް ނެރޭ އައު ބެޗެއްކަމަށެވެ.
މަރުކަޒީ ބޭންކުން ހާމަކުރި ގޮތުގައި، މި ނޫޓުތައް ދައުރުކުރަން ފަށާފައިވަނީ މިއަދުން ފެށިގެންނެވެ. މީގެ ތެރޭގައި ހިމެނެނީ މި ފެބުރުއަރީ މަހުގެ 2 ވަނަ ދުވަހުގައި އެ އޮތޯރިޓީއަށް ލިބުނު 100 ރުފިޔާގެ ނޫޓުތަކާއި، 15 ވަނަ ދުވަހު ލިބުނު 20 ރުފިޔާގެ ނޫޓުތަކެވެ.
މި ނޫޓުތައް ބާޒާރަށް ނެރުމުގެ މައިގަނޑު މަގުސަދަކީ އިގްތިސާދުގެ ތެރޭގައި ނަގުދު ފައިސާ ދައުރުކުރުމުގައި ދަތިކަމެއް ނެތި، ބޭނުންވާ މިންވަރަށް ފައިސާ ފޯރުކޮށްދިނުން ކަމަށް އެމް.އެމް.އޭ އިން ބުނެއެވެ.
އަލަށް ނެރުނު މި ނޫޓުތަކުގައި ސޮއިކުރައްވާފައިވަނީ ގަވަރުނަރު އަޙްމަދު މުނައްވަރެވެ. އަދި ނޫޓުގައިވާ ތާރީޚަކީ 31 ޖުލައި 2025 (6 ސަފަރު 1447) އެވެ. ސްޓޮކް މަދުވުމުން އާ ނޫޓުތައް ނެރުމަކީ ފައިސާ ބެލެހެއްޓުމުގެ ނިޒާމުގެ ތެރެއިން އާންމުކޮށް ކުރަމުންދާ ކަމެއްކަންވެސް މަރުކަޒީ ބޭންކުން ފާހަގަކުރިއެވެ.
މި ފަހަރު ނެރުނު 20 ރުފިޔާގެ ނޫޓުގެ ފަރުމާއަށް ވަނީ މުހިންމު ބަދަލެއް ގެނެސްފައެވެ. މީގެ ތެރެއިން 20 ރުފިޔާގެ މި އައު ޗާޕުގެ ދެފުށުގައި ދިވެހި ރުފިޔާގެ ނިޝާން އަލަށް ހިމަނާފައިވެއެވެ. މިގޮތުން ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނީ ނޫޓުގެ މޫނުމަތީގެ ވައަތްފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކުއެވެ. އަދި 7 ޖުލައި 2024 ގެ ތާރީޚުގައި އެންމެ ފަހުން ނެރެފައިވާ 100 ރުފިޔާގެ ނޫޓާއި އެއްގޮތަށް 100 ރުފިޔާގެ މި އައު ޗާޕުގައިވެސް ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނެއެވެ.
އެމް.އެމް.އޭ އިން އިތުރަށް ހާމަކުރި ގޮތުގައި، އަލަށް ނެރުނު ނޫޓުތަކާއެކު މިހާރު ދައުރުވަމުންދާ 20 ރުފިޔާ އާއި 100 ރުފިޔާގެ ހުރިހާ ނޫޓުތަކަކީވެސް ސައްހަ، ބޭނުންކުރެވޭނެ ފައިސާގެ ގޮތުގައި ދެމިއޮންނާނެއެވެ. އަދި އާންމުންގެ ބޭނުންތަކާ އެއްވަރަށް ފައިސާ ފޯރުކޮށްދީ، ދިވެހި ފައިސާއަށް އޮންނަ އިތުބާރު ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އެ އޮތޯރިޓީން ދެއެވެ.



