މާދަމާއަކީ މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ފަލަކީ ޢިލްމު ލިބިފައިވާ ކުރީގެ ރައީސް މައުމޫން މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވިދާޅުވެފައިވަނީ، ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށް ވާނެ ކަމަށެވެ.
އެމަނިކުފާނު ވަނީ ރަމަޟާން މަހުގެ ހެޔޮއެދުންތައް ވެސް ރައްޔިތުންނަށް ފޮނުއްވާފައެވެ.
ކަލަންޑަރުން ދައްކާ ގޮތުގައި ވެސް މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ވަނީ މާދަމާއަށެވެ. ނަމަވެސް ބައެއް ޤައުމުތަކުން ބުނެފައިވަނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ވާނީ 19 ފެބްރުއަރީ ވާ ބުރާސްފަތި ދުވަހަށް ކަމަށެވެ.
ރާއްޖެއަށް ބަލާއިރު މާލެއަށް މިއަދު އިރު އޮއްސޭއިރު ހަނދު ފެންމައްޗަކު ނުހުންނާނެ އެވެ. އެކަމަކު ރާއްޖޭގެ އެންމެ ދެކުނުން، އައްޑުއަށް އިރު އޮއްސޭއިރު މިނެޓަކަށް ވުރެ ކުޑަ އިރުކޮޅަކު ހަނދު ފެންމަތީ ހުންނާނެ އެވެ.
އެހެންކަމުން ހަމަ ލޮލަށް ހަނދު ނުފެނުނު ކަމުގައި ވިޔަސް، ފަލަކީ ގޮތުން ބަލާއިރު ރާއްޖެއަށް ރަމަޟާން މަސް ފެށޭނެ ކަމަށް ބެލެވޭނެ އެވެ. އަދި ސައުދީ އަރަބިއްޔާއަށް ވެސް މިއަދު އިރު އޮއްސޭއިރު ހަނދު ފެންމަތީ ހުންނާނެ ކަމަށް ބެލެވޭ ކަމަށް އެ ޤައުމުން ވަނީ ބުނެފައެވެ.




