ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުގެ ހުވާ މިއަދު ކުރެއްވި ތާރިޤް ރަޙްމާނާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ ބަންގްލަދޭޝްގެ އާ ބޮޑުވަޒީރު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް މުއިއްޒު އެ ގައުމަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ބޮޑުވަޒީރު ރަޙުމާނާއެކު ބޭއްވި ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށެވެ. އަދި އެމަނިކުފާނަށާއި އެ ގައުމުގެ އައު ސަރުކާރަށް ހެޔޮއެދުންތައް އަރިސްކުރެއްވި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ގާތް އަދި ރަޙުމަތްތެރި ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުގެ ހުވާ މިއަދު ކުރެއްވި ތާރިޤް ރަޙްމާނަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އަވަހާރަވި އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ހާލިދާ ޒިއާގެ ދަރިކަލެކެވެ. އުމުރުފުޅުން 60 އަހަރުގެ ތާރިޤް އެނބުރި ގައުމަށް ވަޑައިގަތީ އަމިއްލަ އަށް އަރުވާލެވިގެން އިނގިރޭސިވިލާތުގައި 17 އަހަރު ދިރިއުޅުއްވުމަށް ފަހުގައެވެ.
ތާރިޤް ރަޙްމާން ބަންގްލަދޭޝްއަށް އެނބުރި ވަޑައިގަތީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެއީ އެމަނިކުފާނުގެ މަންމާފުޅު ހާލިދާ ޒިއާ އާލާސްކަންފުޅާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮންނަވަނިކޮށެވެ.
ހާލިދާ ޒިއާ އަވަހާރަވީ އޭގެ ފަސް ދުވަސް ފަހުން، ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ.



