ރަމަޟާން މަހު ކަރަންޓުގެ ޚިދުމަތުން ޑިސްކައުންޓް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމާ ގުޅިގެން، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކަރަންޓު ބިލު ތައްޔާރުކުރާ ތާރީޚުތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.
މި ބަދަލަކީ ކަސްޓަމަރުންނަށް ރައީސް އިޢުލާން ކުރެއްވި ލުއިތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށްޓަކައި ގެނައި ބަދަލެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
ގެނެވުނު ބަދަލުތަކަށް ބަލާއިރު، މި ހިނގާ ފެބްރުއަރީ މަހުގެ ބިލު ތައްޔާރު ކުރެވޭނީ ޖެނުއަރީ 25 އިން ފެބުރުއަރީ 17 އާ ހަމައަށެވެ. އަދި ރަމަޟާން މަހުގެ ކަރަންޓު ބިލު ތައްޔާރު ކުރެވޭނީ ފެބުރުއަރީ 17 އިން މާރޗް 20 ގެ ނިޔަލަށެވެ. މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ކަރަންޓު ބިލު ހިނގާނީ ކޮންމެ މަހެއްގެ 20 ވަނަ ދުވަހުން ފެށިގެން ޖެހިގެން އަންނަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ފެނަކައިން މަޢުލޫމާތު ދެއެވެ.
މި ބަދަލާއެކު ރަމަޟާން މަހުގެ ރީޑިން ނެގުމަށް ހަމަޖެހިފައިވަނީ މަހުގެ 17 ވަނަ ދުވަހުއެވެ. ކަސްޓަމަރުންނަށް ލިބޭ ރަމަޟާން މަހުގެ ބިލުގައި ”ރަމަޟާން ޑިސްކައުންޓް 1447″ މިހެން ބަޔާންކޮށް، ޑިސްކައުންޓުގެ ގޮތުގައި ލިބުނު އަދަދު ވަކިން އެނގެން އޮންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ފެނަކައިން ބުނިގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާ އެއްގޮތަށް، ފެނަކައިން ޚިދުމަތް ދޭ ހުރިހާ ރަށެއްގެ މީހުން ދިރިއުޅޭ ގޭބީސީތަކަށް މި ޑިސްކައުންޓް ލިބޭނެއެވެ. އެގޮތުން ރަމަޟާން މަހުގެ ކަރަންޓު ބިލު ތައްޔާރު ކުރެވޭނީ 400 ރުފިޔާއަށްވުރެ ބޮޑު ނުވާނެހެންނެވެ.



