މާލޭ ވިޔަފާރި ބަނދަރުން މިއަދު މެންދުރާ ހަމައަށް 480 ޓަނުގެ އަވަހަށް ކުނިވާ ޒާތުގެ މުދާ ކްލިއާކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
މިއީ ޖުމްލަ 13,113 ޕެކޭޖް ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
އެމްޕީއެލުން ބުނީ، ރަމަޟާން މަހާ ދިމާކޮށް ކޮންމެ އަހަރަކުވެސް މާލޭ ވިޔަފާރި ބަނދަރުން ގިނަ އަދަދެއްގެ މުދާ އެތެރެކުރާ ކަމަށާއި، ވަކިން ޚާއްސަކޮށް އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި އެތެރެކުރާ މިންވަރު މި ދުވަސްވަރު ވަރަށް ބޮޑުތަނުން އިތުރުވާ ކަމަށެވެ. އެހެންކަމުން، މި އަހަރުގެ ރަމަޟާން މަހުވެސް ކާބޯތަކެތީގެ ބާވަތްތައް ވީހާވެސް އަވަހަށް ވިޔަފާރިވެރިންނަށް ކްލިއާ ކުރެވޭނެ މަގު ފަހިކުރުމަށް އެކުންފުނީގެ އޮޕަރޭޝަންސް ޓީމުތަކުން އަންނަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.

މި މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން އެމްޕީއެލްއިން ވަނީ 3,000 އަކަފޫޓުގެ ހިޔާ ކުރެވިފައިވާ ޝެޑެއް ބަނދަރު ސަރަހައްދުގައި ގާއިމުކޮށްފައެވެ.
”މި ޝެޑް ހެދުމުން، އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި އަވަހަށް ބާލައި، ބެހެއްޓުމަށް އިތުރު ޖާގައެއް ލިބި، ހަލުވި ކަމާއެކު ކްލިއަރކުރުމަށް މަގުފަހިވެގެންދާނެ،“ އެމްޕީއެލުން ބުންޏެވެ.

ރަމަޟާން މަހުގެ ތެރޭގައި މާލޭ ވިޔަފާރި ބަނދަރުން މުދާ އަރުވާ ބޭލުމާއި، މުދާ ދޫކުރުމުގެ މަސައްކަތްތައް ތަރުތީބުކޮށް، އެ ކަންކަމަށް ޚާއްސަ ގަޑިތަކެއް އެމްޕީއެލްއިން ވަނީ ކަނޑައަޅާފައެވެ.
އެމްޕީއެލްއިން އިތުރަށް ބުނިގޮތުގައި، ވިޔަފާރި ބަނދަރުގައި މި ވަގުތު އަވަހަށް ކުނިވާ ޒާތުގެ މުދާ އުފުލާ ދެ ބޯޓެއް އޮތްއިރު، އެ ދެ ބޯޓުން މިއަދު މުދާ ހުސްކުރެވޭނެ ކަމަށް އެ ލަފާކުރެވެއެވެ. އަދި މިރޭ މެންދަމު 00:00 އާ ހަމައަށް މުދާ ކްލިއާކުރުމުގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށްވެސް އެމްޕީއެލްއިން ވަނީ ބުނެފައެވެ.



