ދިވެހި މުޖުތަމަޢަށް ހެޔޮ ބަދަލެއް ގެނައުމުގައި މަދަދު ހޯދާން ރަމަޟާން މަހަކީ ރަނގަޅު މުރުޝިދެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ފޮނުއްވާ ނެރުއްވި ޚިޠާބުގައެވެ.
ރައީސްގެ ޚިޠާބުގައި ވިދާޅުވީ، މިއީ 1447 ވަނަ އަހަރުގެ ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލުކުރި އުފާވެރި މުނާސަބާ ކަމަށެވެ. މިއީ، ތަޤުވާވެރިވުމާއި ކުށް ފާފަތަކުން ދުރުހެލިވުމާއި ތެދު މަގުގައި ސާބިތުވެ ތިބުމުގެ މައްސަރު ކަމަށެވެ. މި ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށާއި، މުޅި އިސްލާމީ އުންމަތަށް ނުހަނު އިޚްލާޞްތެރިކަމާއެކު ފޮނުވާ ކަމަށް ރައީސްގެ ޚިތާބުގައި ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ބަރަކާތްތެރި ހެޔޮކަމުގެ މޫސުން ބައްދަލު ކުރިއިރު، މުޖުތަމަޢުން ދެކެން ބޭނުންވާ ވަރަށް ގިނަ ހެޔޮ ކަންކަން އެބަހުއްޓެވެ. ދީނީ ކަންކަމާއި، އާދަކާދައިގެ ކަންކަމާއި، އުސޫލާއި، ޤާނޫނާއި ޤަވާއިދަށް ބޯ ލެނބުން މުހިންމެވެ. އަދި ފަސްވަގުތު ނަމާދު ކުރާ މުޖުތަމަޢެއް ބޭނުންވާ ކަމަށާއި، ކުޑަކުދީންގެ ކަރާމާތް ރައްކާތެރި ކުރާ، ބޮޑެތި މީހުންނަށް އިޙްތިރާމު ކުރާ މުޖުތަމަޢެއް ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ.
”މަސްތުވާތަކެތިން ސަލާމަތްވެފައިވާ، ޞިއްޙީގޮތުން ނުރަނގަޅު އާދަތަކަށް ނޫނެކޭ ބުނާ މުޖުތަމަޢެއް އަޅުގަނޑުމެން ބޭނުންވޭ. ހުރިހާ ކަމެއްގައި މާތްވެގެންވާ އިސްލާމްދީނުގެ އަސްލުތަކަށް ފުރިހަމައަށް ޙުރުމަތްތެރިކޮށްހިތާ، ދިވެހީންގެ ހަރުދަނާ އިސްލާމީ ސަގާފަތާއި، ދިވެހިވަންތަ ރީތި ތަހުޒީބު އަމިއްލަ ގޮތްތައް ނަގަހައްޓާ މުޖުތަމަޢެއް އަޅުގަނޑުމެން ދެކެން ބޭނުންވޭ.“ ރައީސް ވިދާޅުވިއެވެ.
އެއީ، ޤައުމުގެ އަމާންކަމާއި ދެ ދުނިޔޭގެ ބާއްޖަވެރިކަން ހޯދުމާއި އަދި ހެޔޮލަފާ ޚުލްޤު ހެޔޮ، ޒަމާނާއެކު ކުރިއަރާފައިވާ ބަޔަކަށް ދިވެހީން ވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ދުނިޔޭގެ އެހެން މީހުންގެ ކިބައިންވެސް ދިވެހީންނަށް ހެޔޮ ބަސްތައް ލިބި، ދިވެހީންގެ ޤަދަރު މަތިވެރިވުމަށްޓަކައި ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ދިވެހި މުޖުތަމަޢަށް ހެޔޮ ބަދަލެއް ގެނައުމުގައި މަދަދު ހޯދާން ރަމަޟާން މަހަކީ ރަނގަޅު މުރުޝިދެއް ކަމަށެވެ.
ރައީސް ވިދާޅުވީ، ދިވެހި މުޖުތަމައަށް ހެޔޮ ބަދަލެއް ގެނައުމުގައި މަދަދު ހޯދާން ރަމަޟާން މަހަކީ ރަނގަޅު މުރުޝިދެއް ކަމަށެވެ. ރަމަޟާން މަސް އަޅުގަނޑުމެންނަށް އަޚްލާޤުގެ އެންމެ މަތިވެރި ހުރިހާ ފިލާވަޅެއް އުނގަންނައިދޭ ކަމަށާއި އަޅުކަންތައްތަކުން ވަގުތުތައް ރާވައިލުމާއި، ވަގުތަށް ކަމޭހިތާން ދަސްކޮށްދޭ ކަމަށް ރައީސް ވިދާޅުވިއެވެ.
”ޛިކުރުތަކުން ތަޤުވާވެރިވުމާއި، ހިތާއި ރޫޙާއި ހަށިގަނޑު ހެޔޮ ކަންކަމުގައި ހޭދަކުރާން ދަސްކޮށްދެއެވެ. އެ މައްސަރުގައި ވެވިފައިވި ހަނގުރާމަތަކުން އިސްލާމީ އުންމަތަށް ހެޔޮއެދުމާއި، ޙައްޤާއި ބާޠިލާ ދެމެދު ތިމާ ސާބިތުވާންވީ ގޮތް ދައްކައިދެއެވެ. ހިތްވަރާއި ކެރުމާއި، ޢަޒުމާއި ޤުރުބާނީގެ މާނަތައް ހިތުގައި ބިންވަޅުނަގައިދެއެވެ. ރޯދަވީއްލުމާއި، ހާރުދަން ފަދަ އިޖުތިމާޢީ އާއިލީ ބައްދަލުވުންތަކަކީ ޖަމާޢަތުގެ ގުޅުންތައް ހަރުދަނާކުރުމާއި، ދޭދޭ ކުލުނާއި ލޯބި އަށަގަންނުވައިދިނުމުގެ މަދަރުސާތަކެކެވެ.“ ރައީސްގެ ހިތާބުގައި ވިދާޅުވިއެވެ.
ރައީސް ވަނީ އެކަންކަން ކޮންމެ މީހަކު އަމިއްލަ ނަފްސާ ހަމައިން ފަށައި، މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަކީ ޤައުމަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި، އަމިއްލަ ނަފްސު އެ ބަދަލާ އެއްގޮތަށް، ދީނީ، ޤައުމީ އިންތަކުގެ މަތީގައި ތަރުބިއްޔަތުކުރާ މައްސަރަކަށް ހެދުމަށް އިލްތިމާސްކޮށްފައެވެ.




