ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެޑޮމެސްޓިކް ޓަރމިނަލްގެ އޮޕަރޭޝަންސްތައް، ޓަރމިނަލް 2 (ކުރީގެ އިންޓަރނޭޝަނަލް ޓަރމިނަލް) އަށް ބަދަލުކޮށްފިއެވެ.
ޑޮމެސްޓިކް ޓަރމިނަލްގެ އޮޕަރޭޝަންތައް، ޓަރމިނަލް 2 އަށް ބަދަލުކުރުމުގެ ގޮތުންމިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަޠީފްއެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުން، އެމްއޭސީއެލްގެ ބޯޑް މެންބަރުން އަދި އެމްއޭސީއެލްގެ އިސްވެރިންނާއި ޓަރމިނަލްގެ އޮޕަރޭޝަންސްތައް ބަދަލުކުރުމުގައި ހަރަކާތްތެރިވި މުވައްޒަފުން ބައިވެރިވިއެވެ.
އެމްއޭސީއެލްއިން ބުނިގޮތުގައި، ޑޮމެސްޓިކް ޓަރމިނަލްގެ އޮޕަރޭޝަންސްތައް ޓަރމިނަލް 2 އަށް ބަދަލުކޮށްފައިމިވަނީ ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހުއެވެ. މިބަދަލުތައް ގެނައުމުގެ މަސައްކަތްކޮށްފައިވަނީ އެމްއޭސީއެލްގެ އެކި ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނެވެ.
އެގޮތުން ކުރީގެ ޑޮމެސްޓިކް ޓަރމިނަލްގައި 8 ޗެކް–އިން ކައުންޓަރު ހުރި ނަމަވެސް، ޓަރމިނަލް 2 ގައި ޗެކް–އިން ވުމަށް 27 ކައުންޓަރު ހުންނާނެއެވެ. އަދި ސެކިއުރިޓީ ކްލިއަރެންސްއަށް 3 މެޝިން ބެހެއްޓިފައިވާއިރު، 6 ޑިޕާޗާ ގޭޓު ހުންނާނެއެވެ.
މީގެ އިތުރުން ޓަރމިނަލް 2ގައި އަންހެން އަދި ފިރިހެން ބޭފުޅުންނަށް ވަކި ދެ ނަމާދުކޮޓަރިއާއި ކުޑަކުދިންގެ ކުޅޭ ސަރަހައްދަކާއި އެފްއެންޑްބީގެ ތިން އައުޓްލެޓް ހުންނާނެ ކަމަށާއި، އަދި އަންނަ ފަސިންޖަރުންގެ ދަބަސްތައް ނެގުމަށްވެސް ބޮޑުބަދަލެއް ވަނީ ގެނެސްފައި ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.
އެގޮތުން ޓަރމިނަލް 2 ގައި ކުރީގެ ޑޮމެސްޓިކް ޓަރމިނަލްގައި ހުރި ބެގޭޖް ބެލްޓަށްވުރެ ހަތަރު ގުނަ ބޮޑު ދެ ބެލްޓް ބެހެއްޓިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްއޭސީއެލްއިން ބުނިގޮތުގައި، މި ބަދަލުގެ މައިގަނޑު މަގުސަދަކީ ކުރީގެ ޑޮމެސްޓިކް އެއަރޕޯޓުގައި ކުރިމަތިވާ ތޮއްޖެހުންކުޑަކޮށް، ދަތުރުކުރައްވާ ފަސިންޖަރުންނަށް ވީހާވެސް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމެވެ.




