ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ޑޮމެސްޓިކް ޚިދުމަތްތައް ބޮޑު އަދި ޒަމާނީ ޓަރމިނަލަކަށް ބަދަލުވެގެން ދިއުމަކީ އެ އެއަރޕޯޓުން ދެމުންގެންދާ ޚިދުމަތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޑޮމެސްޓިކް ޓަރމިނަލްގެ އޮޕަރޭޝަންސް، ޓަރމިނަލް 2 އަށް ބަދަލުކުރުމުގެ ގޮތުން ރޭ އެ އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ވީއައިއޭގެ އައު އިންޓަރނޭޝަނަލް ޓަރމިނަލް ހުޅުވި، މިވީ ކުރު މުއްދަތުގެ ތެރޭގައި، ރައްޔިތުންގެ ޑޮމެސްޓިކް ޚިދުމަތްތައްވެސް ބޮޑު އަދި ޒަމާނީ ޓަރމިނަލަކަށް މިއަދު ބަދަލުވެގެން ދިއުމަކީ އެއަރޕޯޓުން ދެމުންގެންދާ ޚިދުމަތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި މި ގެނެވުނު ބަދަލާއެކުގައި ދިވެހި ރައްޔިތުންނަށާއި ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ހެޔޮ އަދި ފައިދާހުރި ބަދަލުތަކެއް އަންނާނެކަމުގައި ވިދާޅުވިއެވެ. ގިނަ ދުވަސްތަކެއް ވަންދެން އަޅާނުލެވި އޮތް ޑޮމެސްޓިކް ޓަރމިނަލަކީ ގިނަ ދިވެހި ރައްޔިތުންނާއި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރާ ފަތުރުވެރިންގެ މައި ދޮރާއްޓަށްވާއިރު މި ޓަރމިނަލް އިތުރަށް ތަރައްގީކުރުމަށް މީގެކުރިން މާބޮޑު މަސައްކަތްތަކެއް ކުރެވިފައި ނެތްކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ޑޮމެސްޓިކް ޓަރމިނަލް ބޭނުންކުރާ ފަރާތްތަކަށް އެ ޓަރމިނަލަކީ ބޮޑު ތަކުލީފަކަށްވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން އިގްތިސާދީގޮތުން އެ ޓަރމިނަލުން ދިވެހިރައްޔިތުންނަށް ލިބެންޖެހޭ ނަފާ، ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައިއޮތްކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
”އެއަރޕޯޓުގެ ޓަރމިނަލް 2 އިފުތިތާހު ކުރެވިގެން މިދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ދައުރު ފެށުމާއެކު، މި ތަކުލީފުތަކަށް އަވަސް އަދި ފުރިހަމަ ހައްލެއް ހޯއްދަވައިދެއްވުމަށް ވަރަށް ބޮޑު އިސްކަމެއްދެއްވައިގެން ކުރެއްވި މަސައްކަތުން. އަދި މި މަސައްކަތްޕުޅުގެ ތެރެއިން، މިއަދު، ޑޮމެސްޓިކް އާ ޓަރމިނަލް ނިމި، ހުޅުވިފައި މިވަނީ، ކުރިއަށްވުރެ ޖާގައިގެ ގޮތުން ތަނަވަސް، އެހާމެ ހިތްފަސޭހަ އަދި އިތުރު ޚިދުމަތްތަކާއެކު. މިއީ އަދުގެ ރައީސް މުޢިއްޒު އިޤްތިޞާދީ ގޮތުން ގެންގުޅުއްވާ ދުރުވިސްނުންފުޅާއި، ހިކުމަތްތެރި ސިޔާސަތުތަކާއި، ރައްޔިތުންނަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރެއްވުމަށް ދެއްވާ އިސްކަމުގެ ނަތީޖާއެއްގެ ގޮތުން، ފެންނަމުންދާ ހެޔޮބަދަލުތަކެއްކަން“ ނައިބު ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، ޓަރމިނަލް މަރާމާތުކޮށް، ކުރު މުއްދަތެއްގެ ތެރޭގައި ޚިދުމަތް ފެށިގެން ދިއުމުގައި ބޮޑު ހިއްސާއެއްވި، އެމް.އޭ.ސީ.އެލްގެ މެނޭޖުމަންޓާއި ހީވާގި މުވައްޒަފުން ރެއާއި ދުވާލު، ދިވެހި ރައްޔިތުންގެ ޚިދުމަތުގައި ކޮށްދެއްވި ބުރަ މަސައްކަތް ފާހަގަކުރައްވައި، މި މަސައްކަތުގައި އުޅުއްވި އެންމެހައި މުވައްޒަފުން ޝާމިލުވާނޭގޮތުން ހުރިހާ ބޭފުޅުންނަށް އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ، މި ޓަރމިނަލްގެ އޮޕަރޭޝަން ފެށިގެން ދިއުމުން، ދަތުރުވެރިންނަށް ލިބޭ ޚިދުމަތްތައް އެތައް ގޮތަކުން އަވަސްވެ، ފަސޭހަވެގެން ދިއުމަށާ އަދި ހިދުމަތް ހޯދާ ފަރާތްތަކަށް ޒަމާނީ ފެންވަރުގެ ޚިދުމަތެއް، ޑޮމެސްޓިކް ޓަރމިނަލުން ލިބުމަށް އެދިވަޑައިގަންނަވަމުންނެވެ.



