ޖަލުތަކުގެ މިސްކިތްތަކުގައި ފުރަތަމަ ފަހަރަށް ތަރާވީޙް ނަމާދުކުރުމުގެ އިންތިޒާމު ހަމަޖައްސައިފިއެވެ.
މޯލްޑިވްސް ކަރެކްޝަންސް ސާވިސަސްއިން އިއްޔެ ބުނީ، ކަރެކްޝަންސްގެ ހުރިހާ ޖަލެއްގެ މިސްކިތްތަކުގައި ފުރަތަމަ ފަހަރަށް ރަސްމީކޮށް ތަރާވީޙް ނަމާދުކުރުމަށާއި، ގައިދީންނާއި ބަންދު މީހުންނަށް ދީނީ ސެޝަންތައް ކުރިއަށް ގެންދަން ހާފިޒުން ވެސް ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން މީސްމީޑިއާގައި ކަރެކްޝަންސްއިން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ތިން ހާފިޒަކު ވަނީ ޖަލުތަކުގެ މިސްކިތްތަކުގައި އިމާމުވެ ތަރާވީޙް ނަމާދުކޮށް، ގައިދީންނަށް ދީނީ ސެޝަންތައް ކުރިއަށް ގެންދަން ހަމަޖައްސައިފައެވެ.
ކަރެކްޝަންސްއިން ޖުމްލަ ތިން ޖަލެއް މިހާރު ބަލަހައްޓައެވެ. އެއީ ހުޅުމާލޭ ޖަލާއި ކ. މާފުށީގައި ހުންނަ ޖަލާއި އެ އަތޮޅު ހިންމަފުށީގައި ހުންނަ އައްސޭރި ޖަލެވެ.
މި ފެށުނު ރަމަޟާން މަހާ ދިމާކޮށް، ކަރެކްޝަންސްއިން ވަނީ އިސްލާމިކް މިނިސްޓްރީއާ ގުޅިގެން މާފުށީ ޖަލާއި އައްސޭރި ޖަލުގެ އޮފިސަރުންނަށް ދީނީ ނަސޭހަތް ދިނުމުގެ ސެޝަންތަކެއް ބާއްވައިފައެވެ.



