މިފެށުނު ރަމަޟާންމަހުގެ ފިޠުރު ޒަކާތް ބަލައިގަންނަން މިހާރު ފަށައިފިއެވެ.
ޒަކާތު ހައުސްއިން ބުނީ، ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރަމަޟާންމަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6 ޖެހުމާ ހަމައަށް އޮންލައިންކޮށް ޒަކާތް ބަލައިގަންނަމުން ދާނެ ކަމަށެވެ. އެގޮތުން މިފަހަރު އޮންލައިންކޮށް 7 ޕްލެޓްފޯމްއަކުން ޒަކާތް ދެއްކޭނެއެވެ.
އޮންލައިންކޮށް ޒަކާތް ދެއްކޭނެ ގޮތްތައް:
° ދިރާގު އެޕް / ދިރާގު ޕޭ (ވެބްސައިޓް)
° އުރީދޫ، އެމް ފައިސާ (އެޕްލިކޭޝަން)
° މޯލްޑިވްސް އިސްލާމިކް ބޭންކު (އެޕްލިކޭޝަން)
° ބޭންކް އޮފް މޯލްޑިވްސް މޯބައިލް (އެޕްލިކޭޝަން)
° ފަހިޕޭ (އެޕްލިކޭޝަން)
° އަވަސް އެޕް
° ބަނޑޭރި ޕޭ
ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާހަމައަށްވެސް ފިޠުރު ޒަކާތް ދެއްކޭނެކަމަށް ޒަކާތު ހައުސްއިން ބުނެފައިވެއެވެ.
މީގެއިތުރުން، އުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ޚާއްސަކޮށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އަދި ރަމަޟާންމަހުގެ ފަހުދިހައިގެ ދުވަސްތަކުގައި ކައުންޓަރުން ޒަކާތް ބަލައިގަންނާނެ ގަޑިތައްވެސް ޒަކާތު ހައުސްއިން އިއުލާނު ކޮށްފައެވެ.
ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ވަގުތުތައް:
° 22 ފެބުރުވަރީ – 9 މާރިޗު: ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު 10:00 އިން 13:00 އަށް
° 10 މާރިޗު – 19 މާރިޗު : ހުކުރު ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު 11:00 އިން 14:00 އަށް
ޒަކާތު ހައުސިން އިން ބުނީ، ރަށްރަށުގައި ނަޤުދު ފައިސާއިން ފިޠުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ރަށު އަދި ސިޓީ ކައުންސިލުންކަމަށެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު:
° އާދައިގެ ހަނޑޫ: 12 ރުފިޔާ
° ތައިލެންޑް ހުދު ހަނޑޫ:53 ރުފިޔާ
° ރަތް ހަނޑޫ: 96 ރުފިޔާ
° ބާސްމަތީ ހަނޑޫ (އާދައިގެ): 77 ރުފިޔާ
° ބާސްމަތީ ހަނޑޫ (މޮޅު) : 109 ރުފިޔާ
° ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 136 ރުފިޔާ
° އާދައިގެ ފުށް: 10 ރުފިޔާ
° އާޓާ ފުށް: 75 ރުފިޔާ



