އެކަކު އަނެކަކަށް ބަދުބަސް ނުބުނެ، ފުރައްސާރަ ނުކޮށް މި ފެށުނު ރަމަޟާން މަހާއެކު، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ކެމްޕެއިން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ރޭގައި އެދިވަޑައިގެންފިއެވެ.
މެޑަމް ސާޖިދާ މިފަދައިން އެދިވަޑައިގެންނެވީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ އަންހެނުންގެ ގޮފިން އިންތިޒާމު ކޮށްގެން ބޭއްވި މާހެފުމެއްގަ އެވެ.
އެގޮތުން އެކަމަނާ ވިދާޅުވީ، އެކަކު އަނެކަކަށް ފުރައްސާރަ ނުކޮށް ކަންކަން ކުރުމަކީ ވެސް އަޅުކަމެއް ކަމަށާއި މީސްމީހުންނާ ވާހަކަ ދައްކާއިރު އިހުތިރާމް ކުރުމަކީ ދީނީ ގޮތުން ވަރަށް މުހިންމު ކަމެއް ކަަމަށެވެ.
”އެހެންވީމާ މިއަދު އަޅުގަނޑުމެން ހިނގާށޭ އަޒުމް ކަނޑައަޅަން، އަޅުގަނޑުމެންނަކީ އަހުލާގު ރަނގަޅު، އެހެން މީހުންނަށް އިހުތިރާމްކުރާ އެހެން މީހުންނަށް ފުރައްސާރަ ނުކުރާ ބަޔަކަށްވުމަށް“ އެކަމަނާ ވިދާޅުވި އެވެ.
ފަސްޓް ލޭޑީ ވިދާޅުވި ގޮތުގައި އެ ގޮތުގެ މަތިން ކަންކަން ކޮށްގެން ޕީއެންސީން މަސައްކަތް ކުރަންވީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށެވެ.



