އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ އަންނަ މާރިޗު މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް އެ ކުންފުނިން ނިންމައިފިއެވެ.
މި ޖަލްސާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް އަދި އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓަރަށް ހާޒިރުވެގެން ބައިވެރިވެވޭ ގޮތަށެވެ.
އުރީދޫއިން ބުނި ގޮތުގައި، ޖަލްސާގައި އޮންލައިންކޮށް ބައިވެރިވާ ފަރާތްތަކަށް މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ (އެމް.އެސް.ޑީ) ގެ ”ފަހިވޯޓު” ސިސްޓަމް މެދުވެރިކޮށް ބައިވެރިވެވޭނެއެވެ. އަދި ހެޑްކުއާޓަރަށް ހާޒިރުވެގެން ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ 128 ހިއްސާދާރުންނަށެވެ.
ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު 2 މާރިޗު 2026 ވާ ހޯމަ ދުވަހުގެ ރޭގަނޑު 9:30 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
މި އަހަރުގެ ޖަލްސާގައި 2025 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުން އޮންނާނެއެވެ. މީގެ އިތުރުން، 2025 ވަނަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ބަހާނެ ޑިވިޑެންޑް ކަނޑައެޅުމާއި، 2026 ވަނަ އަހަރަށް އޮޑިޓަރުން އައްޔަންކުރުމުގެ އިތުރުން ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އިންތިޚާބުކުރުން ކުރިއަށްދާނެއެވެ.
އުރީދޫއިން ހާމަކުރި ގޮތުގައި، މި ޖަލްސާގައި ބައިވެރިވެވޭނީ 12 ފެބުރުވަރީ 2026 ގެ މެންދުރު 2:00 އާ ހަމައަށް ހިއްސާދާރުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށެވެ. ވޯޓުލުމުގައި ކޮންމެ ހިއްސާއަކަށް އެއް ވޯޓު ލިބޭއިރު، އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށްވެސް ވޯޓުލުމުގައި ބައިވެރިވެވޭނެއެވެ.
ޖަލްސާއަށް ހާޒިރުވާ ފަރާތްތަކުން ޖަލްސާ އޮންނަ ރޭގެ 8:45 އާއި 9:30 އާ ދެމެދު ރަޖިސްޓަރީ ކުރަންޖެހޭނެއެވެ. ޖަލްސާއަށް ހާޒިރުވާއިރު އައިޑީ ކާޑު ނުވަތަ ޕާސްޕޯޓު ގެންނަން ޖެހެއެވެ.
ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރާ ފަރާތްތަކަށް އެކަން ކަށަވަރުކޮށްދިނުމުގެ މައުލޫމާތު 3 މާރިޗު 2026 ގެ ހަވީރު 6:00 ގެ ކުރިން ފޮނުވާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.


