ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަށް ރީ-ރަޖިސްޓަރީވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.
މި ފުރުސަތު ހުޅުވާލާފައިވަނީ މިއަދު ހެނދުނު 10:00 އިން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ މެންދުރުފަހު 3:00 ގެ ނިޔަލަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މި މުއްދަތުގައި ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅަން ޖެހޭނީ މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ބަދަލުކުރުމަށް ބޭނުންވާ ފަރާތްތައް އެކަނި ކަމަށެވެ. ރީ-ރަޖިސްޓަރީ ވުމަށް އެދި ހުށަހެޅޭނީ އެ ކޮމިޝަނުގެ ’ރީ-ރަޖިސްޓްރޭޝަން ޕޯޓަލް‘ ނުވަތަ ’މައި ޕޯޓަލް’މެދުވެރިކޮށް އޮންލައިންކޮށެވެ.
ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ކޮޕީއަކާއި ލައިވް ފޮޓޯއެއް ހުށަހަޅަން ޖެހެއެވެ. ނަމަވެސް ’މައި ޕޯޓަލް‘ މެދުވެރިކޮށް ވެރިފައިޑް އީފާސް އެކައުންޓަކުން ހުށަހަޅާނަމަ، ފޮޓޯ އާއި އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަން ނުޖެހޭނެ ކަމަށް ކޮމިޝަނުން މައުލޫމާތުދެއެވެ.
މީގެ އިތުރުން މި ވޯޓާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ.
މި ވޯޓަކީ ގާނޫނުއަސާސީއަށް ގެންނަ އަށް ވަނަ އިސްލާހު ތަސްދީގު ކުރެއްވުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ނިންމަވާފައިވާ ވޯޓެކެވެ. މި ވޯޓުގައި ރައްޔިތުންނާ ކުރެވޭ ސުވާލަކީ ”ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމަށް ފެނޭ ހެއްޔެވެ؟“ މިއެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ މި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހުއެވެ. އެއީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތާރީހެވެ.




