ރަމަޟާން މަހަށް ހާއްސަކޮށްގެން މާލޭގައި ގާއިމްކުރި ވަގުތީ މާރުކެޓް ”ދަނޑުވެރިންގެ ބާޒާރު“ ރަސްމީކޮށް ހުޅުވައިފިއެވެ.
މި މާރުކޭޓު ގާއިމްކޮށްފައިވަނީ މާލޭގެ ނޯތު ހާބަރުގައި ކުރިން ކެފޭ ހިންގި ތަނުގައެވެ.
މި މާރުކޭޓަކީ ރަމަޟާން މަހާ ދިމާކޮށް ރަށްރަށުގެ ދަނޑުވެރިން އުފައްދާ ބާވަތްތައް މާލެ ސަރަހައްދުގައި ފަސޭހަކަމާއެކު ވިއްކޭނެ މަގުފަހިކޮށްދިނުމަށް ތަރައްގީކުރި ތަނެކެވެ. މި ބާޒާރުގައި ޖުމްލަ 7 ރަށަކުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ދަނޑުވެރިކަމަށް މަޝްހޫރު ށ. ގޮއިދޫ، ގއ. ނިލަންދޫ އަދި ތ. ކަނޑޫދޫ ހިމެނޭ ކަމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި މާރުކޭޓުގައި ބައިވެރިވެފައިވާ ރަށްތަކަށް ތަކެތި ބެހެއްޓޭނެ ގޮތަށް ހާއްސަ ގޮޅިތަކެއް ވަނީ ތައްޔާރުކޮށްފައެވެ. އަދި މިތަނުން މޯލްޑިވްސް ފުޑް އެގްރިކަލްޗަރަލް ޕްރެކްޓިސެސް (އެމްގެޕް) ސެޓިފައިޑް ވެފައިވާ 10 ދަނޑެއްގެ އުފެއްދުންތައް ލިބެން ހުންނާނެއެވެ.
މި ބާޒާރުގެ ހާއްސަ ސިފައަކީ މިތަނުގައި ވިއްކާނީ ހަމައެކަނި ރާއްޖޭގެ ދަނޑުތަކުގައި ހައްދާ ކާނާގެ ބާވަތްތައް ކަމަށް ވުމެވެ. އެގޮތުން ރާއްޖޭގެ ރަށްރަށުގައި އުފައްދާ ރޯ މޭވާއާއި ތަރުކާރީ ފިޔަވައި އިތުރު އެއްވެސް އެއްޗެއް މި މާރުކޭޓުގައި ވިއްކުމަކީ މަނާ ކަމެކެވެ.
މި މާރުކޭޓު ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ހަވީރު 5:00 އަށެވެ. އަދި ރޭގަނޑު 9:00 އިން 11:00 އަށްވެސް ވިޔަފާރި ކުރެވޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މި ވަގުތީ މާރުކޭޓު ބަންދުކޮށް ނެގުމަށް ހަމަޖެހިފައިވަނީ ރޯދަމަސް ނިމުމާއެކު މާރިޗު މަހުގެ 26 ވަނަ ދުވަހުއެވެ.
ކޮންމެ އަހަރެއްގެ ރަމަޟާން މަހަކީ އަތޮޅުތަކުން ގިނަ އަދަދަކަށް ދަނޑުވެރިކަމުގެ ބާވަތްތައް މާލެ ގެނެސް ވިއްކާ މަހަކަށް ވާއިރު، މި މާރުކޭޓަކީ ރޯދައަށް ތަކެތި ވިއްކުމަށް މާލެ އަންނަ ދަތުރުވެރިންނަށް އަމާޒުކޮށްގެން ހުޅުވި ތަނެއްކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ.




