ރަމަޟާން މަހުގެ ފުރަތަމަ ދުވަހު މާލޭގެ ލޯކަލް މާރުކޭޓުގައި ތަރުކާރީ އާއި މޭވާގެ އަގުތައް އުފުލިފައިވާއިރު، ޚާއްސަކޮށް ކަނޑޫދޫ މިރުހުގެ އަގު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ.
މިއަދު ބާޒާރުގައި ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު ހުރީ 450 ރުފިޔާއަށެވެ.
ލޯކަލް މާރުކޭޓުގެ އަގުތަކަށް ބަލާއިރު، ކަނޑޫދޫ މިރުސް 100 ގްރާމް ވިއްކަމުންދަނީ 45 ރުފިޔާއަށެވެ. މީގެ އިތުރުން ތޮޅި މިރުސް 100 ގްރާމް 10 ރުފިޔާ އާއި 20 ރުފިޔާއާ ދެމެދު ލިބެން ހުރިއިރު، ލަންކާ ގިތެޔޮ މިރުސް ކިލޯއެއްގެ އަގު ހުރީ 25 ރުފިޔާގައެވެ.
އާންމުކޮށް ބޭނުންކުރާ އެހެނިހެން ތަރުކާރީގެ އަގުތަކަށް ބަލާއިރު، ލުނބޯ ކިލޯއެއް 60 ރުފިޔާއަށް ހުރިއިރު، ކިއުކަންބާ ކިލޯއެއް ހުރީ 55 ރުފިޔާ އާއި 60 ރުފިޔާއާ ދެމެދުގައެވެ. ބަށި ކިލޯއެއް 55 ރުފިޔާއަށް ލިބެން ހުރިއިރު، ކެރެޓް ކިލޯއެއްގެ އަގަކީ 45 ރުފިޔާއެވެ. ބަޓާނާ، ޓޮމާޓޯ އަދި ކެބެޖް ކިލޯއެއް 30 ރުފިޔާއަށް ލިބެން ހުރިއިރު، ލީކްސް ކިލޯއެއްގެ އަގު ވަނީ 120 ރުފިޔާއަށް އުފުލިފައެވެ.
ފަތްޕިލާވެލީގެ ބާވަތްތަކަށް ބަލާއިރު، ކޮޕީފަތް ބޮނޑިއެއް 10 ރުފިޔާއަށް އަދި ކުއްޅަފިލާފަތް ބޮނޑިއެއް 15 ރުފިޔާއަށް ލިބެން އެބަހުއްޓެވެ. ނަމަވެސް ލެޓިއުސް ކިލޯއެއްގެ އަގު ހުރީ 100 ރުފިޔާއިން މަތީގައެވެ. މީގެ އިތުރުން ކައްޓަލަ ކިލޯއެއް 100 ރުފިޔާއަށް ހުރިއިރު، ބީޗްރޫޓް އަދި ލޭޑީސް ފިންގާ ކިލޯއެއް ލިބެން ހުރީ 65 ރުފިޔާއަށެވެ.
ބާޒާރުގައި އާންމުކޮށް ބޭނުންކުރާ ފިޔާ އަދި އަލުވި ކިލޯއެއް 20 ރުފިޔާއަށް ލިބެން ހުރިއިރު، ލޮނުމެދު ކިލޯއެއްގެ އަގަކީ 60 ރުފިޔާއެވެ. އަދި ގަބުޅިއެއް 30 ރުފިޔާ އާއި 40 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ހުރިކަން ފާހަގަކުރެވެއެވެ.
މި ރޯދަ މަހުވެސް މާލޭގެ މާރުކޭޓުތަކުން ދިވެހި އުފެއްދުންތައް ގިނަ އަދަދަކަށް ލިބެން ހުރިކަން ފާހަގަކުރެވެއެވެ. ނަމަވެސް ރޯދަ މަހުގެ ފުރަތަމަ ދުވަހާ ގުޅިގެން ގިނަ ބާވަތްތަކެއްގެ އަގު ވަނީ އުފުލެން ފަށާފައެވެ.



