ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބަންގްލަދޭޝަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު މެންދުރުފަހުގެ ވަގުތެއްގައި ރާއްޖެ ވަޑައިގެންފިއެވެ.
މިއީ ރައީސް ޑރ. މުޢިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ބަންގްލަދޭޝަށް ކުރެއްވި ފުރަތަމަ ރަސްމީ ޒިޔާރަތެވެ.
މި ދަތުރުފުޅަކީ ބަންގްލަދޭޝްގެ އިންތިގާލީ ސަރުކާރުގެ ޗީފް އެޑްވައިޒަރ ޕްރޮފެސަރ މުޙައްމަދު ޔޫނިސް ދެއްވި ދައުވަތަކަށް، އެ ގައުމުގެ އާންމު އިންތިޚާބު ކާމިޔާބުކުރައްވައި ބޮޑުވަޒީރު ކަމުގެ މަގާމަށް އިންތިޚާބުވެވަޑައިގެންނެވި ޠާރިޤް ރަޙްމާނު މަގާމުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. ރައީސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.
ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ ބަންގްލަދޭޝްގެ އައު ބޮޑުވަޒީރު ޠާރިޤް ރަޙްމާނާ ބައްދަލުކުރައްވައި، ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލުވުމުގައި ދެ ލީޑަރުންވެސް ވަނީ ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ތާރީޚީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެކުގައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.




