މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބަންދުކުރި މާލޭ ނޯތު ހާބަރު ސަރަޙައްދު، މުދަލާއި ޕަސެންޖަރުން އުފުލާ އުޅަނދުފަހަރަށް އަލުން ހުޅުވާލުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފިއެވެ.
އެމްޕީއެލްއިން ހާމަކުރި ގޮތުގައި، މި ސަރަޙައްދު މުދަލާއި ޕަސެންޖަރުން އުފުލާ ކަނޑު އުޅަނދުފަހަރާއި މަސް އޮޑިފަހަރަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިރޭ 23:00 އިން ފެށިގެންނެވެ.
ނަމަވެސް މި ސަރަޙައްދުގައި ބަނދަރު ކުރެވޭނީ ވަކި އުސޫލުތަކެއްގެ ދަށުން ކަމަށް އެ ކުންފުނިން ބުނެއެވެ.
އެގޮތުން މި ސަރަޙައްދުގައި ބަނދަރު ކުރެވޭނީ މާލޭ ނޯތު ހާބަރުގައި އަމަލުކުރާ އުސޫލުތަކާއި ޤަވާއިދުތަކަށް ފެތޭ އުޅަނދު ފަހަރަށް އެކަނި ކަމަށް އެމްޕީއެލްއިން ފާހަގަކުރެއެވެ.
ކުރިއަށް އޮތް ރަމަޟާން މަހުގެ ތެރޭގައި އަވަހަށް ހަަލާކުވާ ޒާތުގެ ކާބޯތަކެތި ވީހާވެސް އަވަހަށް ވިޔަފާރިވެރިންނަށް ކްލިއަރ ކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން، އެމްޕީއެލްއިން ދަނީ 3،000 އަކަފޫޓުގެ ހިޔާ ކޮށްފައިވާ ޝެޑެއް ޤާއިމުކޮށްގެން ޚިދުމަތް ދެމުންނެވެ. ނޯތު ހާބަރު ސަރަޙައްދު އަލުން ހުޅުވާލުމާއެކު މި ޝެޑަށް އޮތް ބާރު ކުޑަވެގެންދާނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.
ޗާންދަނީ މަގުން ފެށިގެން ފާލަންދޮށު ހިނގުމާ ހަމައަށް ބާޒާރު މަތި ހިމެނޭހެން ބޮޑުތަކުރުފާނު މަގު ތަރައްޤީކޮށް ނިންމުމަށްފަހު އަލުން ހުޅުވާލާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. މި ސަރަޙައްދު މިހާރު ތަރައްޤީކޮށްފައިވަނީ ދެކޮޅަށް ދުއްވޭ މަގެއްގެ ގޮތުގައި ޒަމާނީ ފެންވަރަށެވެ.
ބާޒާރުމަތީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން މާލޭގެ ލޯކަލް މާރުކޭޓު ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއްގައި ވަނީ ތާރު އަޅާފައެވެ.



