އިސްލާމްދީނާއި އަދި މުސްލިމުންނާ ގުޅޭގޮތުން އެމެރިކާއާއި ޔޫރަޕްގެ ޤައުމުތަކުގައި ދޮގު މައުލޫމާތު ފަތުރާކަމީ ގިނަ ބަޔަކަށް ނޭނގި އޮތް ހަގީގަތެއް ނޫނެވެ. އެމީހުންގެ ތެރެއިން ބައެއް މީހުންގެ ދަރިންނަށް، އެ ކުދިންގެ އެންމެ ތުއްތު އުމުރުން ފެށިގެން ކިޔައިދެމުންގެންދާ އެއް ފުލޯކު ވާހަކައަކީ، މުސްލިމުންނަކީ ޓެރަރިސްޓުން ކަމަށެވެ. އަދި އިސްލާމްދީނަކީ އެއްވެސް މިނިވަންކަމެއް، ޚާއްސަކޮށް އަންހެނުންނަަށް އޮންނަ ދީނެއް ނޫން ކަމަށެވެ.
އިސްލާމްދީނާ ބެހޭގޮތުން އެފަދައިން ފްލޯކު ވާހަކަތައް އިވުނު އެއްފަރާތަކީ ބްރިޓަންއަށް އުފަން އުމުރުން 23 އަހަރުގެ އަލާނާ ބްލޮކްލޭ އެވެ. ނަމަވެސް މިހާރު އޭނާއަކީ އަމިއްލައަށް ތެދު މައުލޫމާތު ހޯދައިގެން، ކްރިސްޓިއަން ދީން ދޫކޮށްލައި ހެޔޮހިތުން އިސްލާމްދީން ގަބޫލު ކޮށްފައިވާ ޒުވާނެކެވެ.
އަލާނާގެ ވާހަކަ ހިއްސާ ކުރަމުން އޭނާ ބުނީ، އެންމެ ކުޑައިރުން ފެށިގެން ފައްޅިތަކުން އޭނާއަށް އިވެމުންދާ އެއް ވާހަކައަކީ އިސްލާމްދީނުގައި އަންހެނުންނަށް އޮންނަ ބާރާއި އިހުތިރާމު ކުޑަކަމުގެ ވާހަކަ ކަމަށެވެ. އަދި މުސްލިމު އަންހެންކުދިންނަށް މަޖުބޫރުކޮށްގެން ބުރުގާ އަޅުވާ ވާހަކަވެސް އިވުންކަމުގައި އަލާނާ ބުންޏެވެ.
ނަމަވެސް ފައްޅިތަކުގެ ފާދިރީން ދެއްކި ވާހަަކަތަކާއި ބައެއް މުސްލިމު އަންހެނުންގެ ކިބައިން ފެންނަމުންދިޔަ މަންޒަރުތައް ދިމާނުވާކަން އަލާނާއަށް ވިސްނެން ފެށުމުން، އޭނާ ގަސްދުކުރީ އަމިއްލައަށް ހަގީގަތް ހޯދާާށެވެ. އޭނާ އެކަން ކުރަން ފުރަތަމަ ނިންމީ މުސްލިމަކަށްވުމުގެ ނިޔަތުގައި ނޫން ކަމުގައިވެސް އަލާނާ ބުންޏެވެ.
އެގޮތުން ކީރިތި ޤުރްއާންގެ ތަރުޖަމާ ކިޔަން ފެށި ކަމާއި ރަސޫލާ (ޞޢވ) ގެ ހަދީޘްފުޅުތައް ހިމެނޭ ފޮތްތައްވެސް ކިޔަން ފެށި ކަމަށް އަލާނާ ބުންޏެވެ.
”އެ މައުލޫމާތު ލިބުމުން އަހަންނަށް ޔަގީންވި އެއްކަމަކީ އިސްލާމްދީނަކީ އަންހެނުން ރައްކާތެރިކޮށްދީ، އަންހެނުންގެ ހަގީގީ އަގުވަޒަންކުރާ ދީންކަން. އަދި އަންހެނުންނަށްޓަކައި އިސްލާމްދީނުގައި އޮންނަ މަތިވެރި މަގާމުތައް. އިސްލާމްދީނުގައި، ކުޑައިރު އަންހެން ކުއްޖަކީ އެންމެ ފުރިހަމަ ދަރި. މީހަކާ އިނުމަށްފަހު އެންމެ އިއްފަތްތެރި އަދި ގަދަރުވެރި އަނބި. އަދި މަޔަކަށްވުމަށްފަހު، ސުވަރުގެ ވަނީ މައިމީހާގެ ފައި ދަށުގައި. މިއީ އެމީހުން (ކްރިސްޓިއަނުން) އެބުނާ އަޅުވެތިކުރުމެއް ނޫން. މިއީ އެންމެ ފުރިހަމައަށް ގަދަރާއި އިހުތިރާމް ދިނުން“ އަލާނާ ބުނެފައިވެއެވެ.
އޭނާއަށް ހަގީގަތް އެނގުމާއެކު، ލަސްކުރުމެއް ނެތި އޭނާވަނީ އިސްލާމްދީން ގަބޫލުކޮށް މުސްލިމަކަށް ވެފައެވެ. އެއްވެސް މަޖުބޫރު ކުރުވުމެއް ނެތިއެވެ.



