މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާ ނަމަ އެ ޙައްޤު އަދާކުރުމަކީ ތައުބާވުމުގެ ތެރޭގައި ހިމެނޭ ކަމެއްކަން މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
”ތަޤުވާވެރިވުމާއި ތައުބާގެ މައްސަރު“ މި މައުޟޫއަށް މިއަދު ދިން ހުތުބާގައި ވަނީ ތަޤުވާވެރިކަމާއި ތައުބާވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ.
ހުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ތައުބާވުމަކީ ކޮންމެ މީހަކު ވެސް އެ މީހަކަށް ކުރެވިފައިވާ އެންމެހައި ފާފައިން އެއްކިބާވެ، އެ ކަންކަން ކުރެވުނު ކަމާ މެދު ދެރަވެ ހިތާމަކޮށް، އެ ކަމަށް ދެން އަރައިނުގަތުމަށް ޢަޒުމު ކަނޑައެޅުމެވެ. އަދި އިޚުލާޞްތެރިކަމާއެކު މާތް اللهގެ ޙަޟުރަތުގައި ފާފަފުއްސެވުން އެދި ދުޢާދެންނެވުމަކީ ތައުބާގެ ތެރޭގައި ހިމެނޭ މުހިންމު ކަންކަމެވެ.
ތައުބާވުމަކީ ތަޤުވާވެރިކަމުގެ މަތީގައި ދެމިހުރުމަށް މަގުފަހިވާނޭ ކަމެއް ކަމަށް ވެސް ހުތުބާގައި ބުންޏެވެ.
މިކަމުގެ ނަމޫނާއެއްގެ ގޮތުން މާތް ނަބިއްޔާ ﷺ ގެ ހަދީޘްފުޅެއް ހުތުބާގައި ހަނދާންކޮށްދިނެވެ. އެކަލޭގެފާނު ހަދީޘްކުރައްވާފައިވަނީ: ”މާތް الله ގަންދެއްވައި ޙަދީޘްކުރައްވަމެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނު ރެޔާއިދުވާލު ހަތްދިހަ ފަހަރަށް ވުރެ ގިނައިން اللهގެ ޙަޟުރަތަށް ތައުބާވެވަޑައިގެން، އިސްތިޣުފާރު ކުރައްވަމެވެ.“ މާތް ﷲ އެކަލޭގެފާނުގެ އިސްވެދިޔަ ފާފައާއި ފަހުން އަންނާން އޮތް ފާފަ ފުއްސަވައިދެއްވައިފައިވާ އިރު ވެސް، އެކަލޭގެފާނު ކޮންމެ ދުވަހަކު ގިނަގިނައިން ތައުބާވެވަޑައިގަންނަވާ ކަމަށް ހުތުބާގައި ފާހަގަކުރިއެވެ.
ހުތުބާގައި އިތުރަށް ބުނީ ތަޤުވާވެރިކަމަކީ ހިތާ ގުޅިފައިވާ ކަމެއް ކަމަށެވެ. ހިތްނިޔަތް ޚާލިޞްކުރުމަކީ ތަޤުވާވެރިވުމަށް ޓަކައި ކުރާންޖެހޭނޭ ކަމެއް ކަމަށާއި، މާތް الله އަބަދުމެ ބައްލަވައިވޮޑިގެންވާކަން ހިތުގައި ބާއްވަންޖެހޭނެ ކަމަށް ބުންޏެވެ. އަދި އެކަލާނގެއަށް އެއްވެސް ކަމެއް ވަންހަނާނުކުރެވޭނޭކަން ދަންނާންޖެހޭނެ ކަމަށް ވެސް ބުންޏެވެ.
މި މަތިވެރި ރަމަޟާން މަހުގެ ރޯދަ ފަރުޟުކުރެއްވުނު ޙިކުމަތަކީ ވެސް ތަޤުވާވެރިވުން ކަމަށް ހުތުބާގައި ފާހަގަކުރިއެވެ. އެހެންކަމުން ރޯދައަށް ތިބޭ އިރު ތަޤުވާވެރިކަންމަތީ ތިބެވޭތޯ ގަދައަޅައި މަސައްކަތްކުރުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.
އަދި މި މައްސަރުގެ މަތިވެރިކަމާއި ދަރުމަ އެދޭ ނަމަ، މާތް ﷲގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވުން އިސްކުރުމަށް ހުތުބާގައި ވަނީ ބާރުއަޅާފައެވެ.



