އާބާތުރަފިލުވައި، ތަރައްޤީކުރުމުގެ މަސައްކަތަށް ބަންދުކޮށްފައި އޮތް ޖުމްހޫރީ މައިދާން ސަރަޙައްދު މިއަދު ވަގުތީގޮތުން އާންމުންނަށް ހުޅުވާލައިފިއެވެ.
މި ސަރަޙައްދު ވަގުތީގޮތުން ހުޅުވާލާފައިވަނީ ކުރިއަށްގެންދާ ތަރައްޤީގެ މަސައްކަތުގެ 90 އިންސައްތަ ނިންމުމަށްފަހުއެވެ.
މާލޭގެ މަލަމަތީގެ ހައިބަތު ހިފަހައްޓައި، އެ ސަރަޙައްދުގެ ހިތްގައިމުކަން ދެމެހެއްޓުމަށްޓަކައި ޖުމްހޫރީ މައިދާން ބަންދުކުރީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ސަރުކާރުން މި މަސައްކަތް ކުރިއަށްގެންދަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްގެންނެވެ.

އާރުޑީސީން ބުނީ މައިދާން އެއްކޮށް ނުހުޅުވި ލަސްވީ ފްލޯރިންއަށް ބޭނުންވާ ބައެއް ތަކެތި ރާއްޖެއިން ބޭރުން ގެނައުމުގައި ދިމާވި ދަތިތަކަކާ ގުޅިގެން ކަމަށެވެ. ނަމަވެސް، ރޯދަމަހަކީ ގިނަ އަދަދެއްގެ ބަޔަކު ހިތްފަސޭހަކޮށްލުމަށް މި މައިޒާން ބޭނުންކުރާ ދުވަސްވަރަކަށް ވާތީ، އާންމުންގެ ފަސޭހައަށްޓަކައި މިހާރު ވަނީ ވަގުތީގޮތުން ހުޅުވާލާފައެވެ.
އާރުޑީސީން އިލްތިމާސްކުރާ ގޮތުގައި، މައިދާން ހުޅުވާލި ނަމަވެސް ވިނަ ހެއްދުމުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދުތަކަށް ނޭރުމަށާއި އެކަމަށް ސަމާލުވުމަށް އެދިފައެވެ.

މި ތަރައްޤީގެ މަސައްކަތުގެ ދަށުން ޖުމްހޫރީ މައިދާނަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން ޕާކުގެ ކޮންކްރީޓް ތަޅުން ބަދަލުކޮށް، ހިނގާބިނގާވެ އުޅެން ފަސޭހަވާނެހެން ވޯކްވޭތައް ހަދައި، ލޭންޑްސްކޭޕިން ވަނީ އިތުރަށް ފުރިހަމަކޮށްފައެވެ.
މީގެ އިތުރުން، ކުރިން ހުރި ކޮންކްރީޓް ބުރުތަކުގެ ބަދަލުގައި ލަކުޑީގެ ރީތި ފަރުމާތަކުގެ ބެންޗުތައް ބަހައްޓާފައިވާއިރު، އޭގެ ތެރޭގައި ހިޔާކޮށްފައިވާ ބެންޗުތައްވެސް ހިމެނެއެވެ.




