ޖަޕާނުގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ސަނޭ ޓަކައިޗީ، އަލުން އިންތިހާބުކުރުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އެކަމަނާއަށް ހޫނު މަރުޙަބާއެއް ދަންނަވައި، ތަހުނިޔާ ފޮނުއްވައިފިއެވެ.
ބޮޑުވަޒީރަށް މިއަދު ރައީސް ފޮނުއްވި ސިޓީފުޅުގައި، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލިހުން އެކަމަނާ އައު ދައުރަކަށް ހޮއްވެވުމަކީ ބޮޑުވަޒީރުކަމުގެ ލީޑަރޝިޕާއި ތަޖުރިބާއާއި ޤާބިލުކަމާއެކު، އެކަމަނާގެ ޒަޢާމަތުގައި ޖަޕާނަށް އިތުރު ކުރިއެރުމާއި ތަރައްޤީ ހޯއްދަވައި ދެއްވޭނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން އެބައޮތްކަން ދައްކުވައިދޭ ކަމެއްކަމުގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ރައީސް ވަނީ، ދިވެހިރާއްޖެ އާއި ޖަޕާނާ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި ގާތްގުޅުމަށް 2027 ވަނަ އަހަރު 60 އަހަރު ފުރޭކަން ފާހަގަކުރައްވައި، ޖަޕާނުން ދިވެހިރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްޤީއަށް ކެނޑިނޭޅި ފޯރުކޮށްދެމުންދާ އެހީތެރިކަމަކީ ދިވެހި ރައްޔިތުން އެކަމަކަށް، އިޚްލާޞްތެރިކަމާއެކީ ޝުކުރުވެރިވާ ކަމެއްކަމަށް ފާހަގަކުރައްވާފައެވެ.
އަދި، ބޮޑުވަޒީރުކަމުގެ އައު ދައުރުގައި ދެ ޤައުމުގެ ރައްޔިތުންގެ ލާބައަށްޓަކާ މިހާރު އޮތް ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވުމުގެ ޢަޒުމުގައި ހުންނެވިކަން ރައީސް ހާމަކުރެއްވިއެވެ.
ރައީސްގެ ސިޓީފުޅު ނިންމަވާލައްވާފައިވަނީ ބޮޑުވަޒީރަށް ކާމިޔާބީއާއި، ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ޖަޕާނުގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމަށް އެދިވަޑައިގަންނަވަމުންނެވެ.



