ވެނެޒުއޭލާގެ ގައުމީ މަޖިލީހުން ގައިދީންނަށް މާފު ދިނުމާ ގުޅޭ ހާއްސަ ބިލެއް ފާސްކޮށްފިއެވެ.
މި ބިލަކީ 1999 ވަނަ އަހަރަށް ރިޓްރޯއެކްޓިވްކޮށް، ނުވަތަ މާޒީގައި ހިނގާފައިވާ ކަންކަމަށް ވެސް އަމަލުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ގާނޫނެކެވެ. މީގެ ކުރިން މި ބިލް ފާސްކުރުމަށް ބާއްވަން އުޅުނު ބައެއް ބައްދަލުވުންތައް މަޖިލީހުން ވަނީ އެކި ސަބަބުތަކާ ހުރެ ލަސްކޮށްފައެވެ.
މި ބިލުގައިވާ ގޮތުން ގައުމާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމަށް ހިތްވަރުދީ، އެފަދަ ކަންކަން ކުރިއެރުވުމުގެ ކުށް ސާބިތުވެފައިވާ މީހުންނަށް މާފެއް ނުލިބޭނެއެވެ.
ބިލްގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި، ބިދޭސީ ދައުލަތްތަކާއި، ކޯޕަރޭޝަންތައް ނުވަތަ ފަރުދުން މެދުވެރިކޮށް ހަތިޔާރު އެޅި އަމަލުތައް ”ކުރިއަރުވައި، އިންސްޓިގޭޓްކޮށް، ފޭވަރިޓްކޮށް، ފަހިކޮށްދީ، ފައިނޭންސްކޮށް ނުވަތަ ބައިވެރިވާ“ މީހުން މި ގާނޫނުގެ ދަށުން އިސްތިސްނާވާނެއެވެ.
މި ނިންމުމުގެ ސަބަބުން ނޮބެލް ސުލްހައިގެ އިނާމު ލިބިފައިވާ މާރިއާ ކޮރީނާ މަޗާޑޯ ފަދަ އިދިކޮޅު ލީޑަރުންނަށް މާފު ނުލިބުމުގެ ފުރުސަތު ބޮޑެވެ. ސަރުކާރު ހިންގާ ޕާޓީން ތުހުމަތުކުރާ ގޮތުގައި މަޗާޑޯ ފަދަ ބޭފުޅުންނަކީ ބޭރުގެ ގައުމުތަކުން ވެނެޒުއޭލާއަށް އަރައިގަތުމަށް ގޮވާލައި، ކުރީގެ ރައީސް ނިކޮލަސް މަޑޫރޯ ވެރިކަމުން ދުރުކުރުމަށް މަސައްކަތް ކުރެއްވި ބޭފުޅުންނެވެ.
މި ބިލް މިހާރު އޮތީ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒްގެ އަތްމަތީގައެވެ. ރިޕޯޓުތައް ބުނާގޮތުން މި ގާނޫނު ހެދުމަށް ބާރުއެޅީ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހު އެމެރިކާގެ އަސްކަރީ ރޭޑަކުން މަޑޫރޯ އަތުލައިގަތުމާ ގުޅިގެން އެމެރިކާއިން ކުރިމަތިކުރި ޕްރެޝަރުތަކާ ގުޅިގެންނެވެ.
މި ގާނޫނާ މެދު ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ސަރުކާރާ ގުޅުންހުރި މެންބަރުންނަށް ނަހަމަ ގޮތުގައި މާފުދީ، ހަގީގީ ސިޔާސީ ގައިދީން މިނިވަންކުރުމުގައި ސަރުކާރުން ވަކި ބަޔަކު އިޚްތިޔާރު ކުރުމުގެ ފުރުސަތު މި ގާނޫނުގެ ދަށުން އޮންނާނެއެވެ.



