ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ހޮސްޕިޓަލްތަކުން ނަފްސާނީ އެކި ބަލިތަކަށް 70،000 އަށްވުރެ ގިނަ މީހުން ފަރުވާ ހޯދާފައިވާކަމަށް ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުން ހާމަކުރައްވައިފިއެވެ.
މި ތަފާސްހިސާބުތައް ހާމަކުރެއްވީ އެ ސެންޓަރުން ފޯރުކޮށްދޭ ޚިދުމަތްތަކާއި މިހާތަނަށް ހޯދިފައިވާ ކާމިޔާބީތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމްގައި ދެއްވި މައުލޫމާތުގައެވެ.
ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުގެ ސޯޝަލް ސާރވިސް ކޯޑިނޭޓަރ އައިޝަތު ޝުހުޒާ ވިދާޅުވީ، ރާއްޖޭގެ ރީޖަނަލް ހޮސްޕިޓަލްތަކާއި މާލެ ސަރަހައްދުގެ އަމިއްލަ އަދި ސަރުކާރު ހޮސްޕިޓަލްތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ނަފްސާނީ އެހީތެރިކަމަށް އެދިފައިވާ މީހުންގެ އަދަދު 70،000 އަށްވުރެ މަތި ކަމަށެވެ. މީގެ އިތުރުން، ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދި މީހުންގެ ތެރެއިން 23 މީހަކު ފަރުވާއަށްފަހު މިދިޔަ އަހަރު އަނބުރާ އާއިލާއާ ހަވާލުކޮށްފައިވާކަންވެސް ޝުހުޒާ ފާހަގަކުރެއްވިއެވެ.
މިކަމާ ގުޅޭގޮތުން ހެލްތު މިނިސްޓަރުގެ ނައިބު އައިމިނަތު އިސްމާއިލް ވިދާޅުވީ، ރާއްޖޭގައި ނަފްސާނީ ސިއްޙަތުގެ ތަފްސީލީ ދިރާސާއެއް މިހާތަނަށް ހެދިފައި ނުވި ނަމަވެސް، 2022 ވަނަ އަހަރު ހެދި ”ގެޕްސް“ ދިރާސާއިން ކަންބޮޑުވާންޖެހޭ ކަންތައްތަކެއް ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގައި ކޮންމެ 5 މީހަކުން އެކަކީ ޑިޕްރެޝަންގެ އަލާމާތްތައް ފެންނަ މީހެއް ކަމަށާއި، އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ޚިޔާލު ހުންނަ މީހުންވެސް އެ ދިރާސާއިން ފާހަގަކުރެވިފައިވާ ކަމަށް އައިމިނަތު އިސްމާއީލް ވިދާޅުވިއެވެ.
ނަފްސާނީ ސިއްޙަތުގެ ދާއިރާއަކީ ދުނިޔޭގެ ނިސްބަތުންވެސް ފަންނުވެރިން މަދު ދާއިރާއެއްކަން ފާހަގަކުރައްވަމުން، ރާއްޖޭގައި މި ދާއިރާއިން މީހުން ބިނާކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަމަށް ނައިބު މިނިސްޓަރު ވިދާޅުވިއެވެ.
”މިދާއިރާއަކީ ދުނިޔޭގައިވެސް އޭގެ އެކްސްޕާޓްސް ވަރަށް މަދު ދާއިރާއެއް. މިހާރު ރާއްޖެއިން ކިހިނެތްތޯ މިދާއިރާގައި ފަންނުވެރިން އިތުރުކުރެވޭނީ، އެކަމަށްވެސް ވަރަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި،“ އައިމިނަތު އިސްމާއިލް ވިދާޅުވިއެވެ.
ސަރުކާރުގެ ސިއްޙީ ދާއިރާ ހަރުދަނާކުރުމުގެ ސިޔާސަތުގެ ދަށުން، ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަދަދު މަދުކުރުމަށްޓަކައި ހެލްތު މިނިސްޓްރީއާއި އެކި ޖަމިއްޔާ ޖަމާއަތްތަކުން ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.




