މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އެމް.އެމް.އޭ ސަރަހައްދާއި ހުޅުމާލެ ޕެޓްރޯލް ޖެޓީއަށް ވަގުތީ ގޮތުން ބަދަލުކުރި މުދަލާއި ޕަސެންޖަރުން އުފުލާ އުޅަނދުތައް، އަލުން މާލޭ ނޯތު ހާބަރުގެ ’އޭ ޒޯން‘ އަށް ބަނދަރުކުރަން ފަށައިފި ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
އެމްޕީއެލްއިން ބުނިގޮތުގައި، މާލޭ ނޯތު ހާބަރުގެ ޓީމުން މިހާރު މަސައްކަތް ކުރަމުންދަނީ މީގެ ކުރިން ’އޭ ޒޯން‘ އިން ލިބެން ނެތް ކަރަންޓާއި ފެނުގެ ޚިދުމަތް އެ ސަރަހައްދުން ފޯރުކޮށްދިނުން ކަމަށެވެ.
އެމްޕީއެލްއިން ބުނީ ނޯތު ހާބަރުގެ ޚިދުމަތް އަލުން ފެށިއިރު ގެނެވުނު އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ، ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި ހުރި ފައްތިޔާތަކުގެ ބަދަލުގައި 36 ފައްތިއްޔާ ބުޑު ފައްތައި، މުޅިން އައު ފައްތިއްޔާތައް ބޭނުންކުރަން ފެށުން ކަމަށެވެ.
މި ބަދަލާއެކު، އެ ބަނދަރު ބޭނުންކުރާ އުޅަނދުފަހަރަށް ކުރިއަށްވުރެ ރައްކާތެރިކަމާއެކު ބަނދަރުކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އެމްޕީއެލްއިން ބުންޏެވެ.
އެމްޕީއެލްއިން އިތުރަށް ބުނިގޮތުގައި، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ނޯތު ހާބަރުގެ ’ބީ ޒޯން‘ (ހުޅަނގު ފަރާތު ތޮށިގަނޑު) އަށް އުޅަނދުތައް ބަދަލުކުރުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.




