އާންމުކޮށް ކޮންމެ ރަމަޟާން މަހެއްގައިވެސް ކޮންމެވެސް ކަހަލަ ޕައިއެއް ހަދާލުމަކީ، އަޅުގަނޑުމެންގެ ތެރޭގައި ވަރަށް އާންމުވެފައިވާ ކަމެކެވެ. އަދި ޕައި އަކީ ގިނަ ދިވެހީންނަށް ވަރަށް ކަމުދާވެސް އެއްޗެކެވެ.
އެހެންކަމުން މިފަހަތު މިގެނެސްދެނީ ޗީޒް އެންޑް ޕޮޓޭޓޯ ޕައިއެއް ހަދާނެ ގޮތުގެ ރެސިޕީއެވެ.
ތައްޔާރުކުރަން ބޭނުންވާނެ ތަކެތި:
° 1 ކިލޯގެ އަލުވި (ބޮޑެތިކޮށް ކޮށާފައި)
° 25 ގުރާމް ބަޓަރު
° 250 މިލިލީޓަރު ކިރު
° 1 ސައިސަމުސާ މަސްޓަޑް
° 255 ގުރާމް ޗެޑާ ޗީޒް
° 6 ސްޕްރިންގް އޮނިއަން
° 1 ބިސް
° ލޮނު
° ބްލެކް ޕެޕަރ
ތައްޔާރުކުރާނެ ގޮތް:
° އެންމެ ފުރަތަމަ، ބޮޑު ތެއްޔަކަށް އަލުވި އަޅައި ކުޑަ ލޮނުކޮޅެއް ވެސް އެޅުމަށްފަހު، އަލުވިގެ މަތިން އަރާވަރަށް ފެން އަޅައި، 12-15 މިނެޓަށް ކައްކައި، މަޑުކުރާށެވެ. އެއަށްފަހު ފެން ހުސްކުރުމަށްފަހު، އަލުވި ހިހޫ ވަންދެން ބަހައްޓާށެވެ.
° ދެން އަވަން 190 ޑިގްރީގައި ޕްރީހީޓް ކުރަން ޖައްސާލާށެވެ. އަދި ބޭކިން ޑިޝްއެއްގައި ބަޓަރު ހާކާފައި ބަހައްޓާށެވެ.
° އަލުވި އެއްކޮށް މޭޝް ކުރުމަށްފަހު ބަޓަރާއި ކިރާއި މަސްޓަޑް އޭގެ އެތެރެއަށް އަޅައިލާށެވެ. އަދި ޗީޒްގެ ތިންބައިކުޅަ ދެބައި އަޅައި، ސްޕްރިންގް އޮނިއަންއާއި ބިސް ވެސް އަޅައި އެއްކޮށްލާށެވެ. ރަހަލާ ވަރަށް ލޮނާއި ޕެޕާ ވެސް އަޅައިލަންވާނެއެވެ.
° އެއަށްފަހު ބޭކިން ޑިޝްއަށް އަލުވިކޮޅު އަޅައިލާނީއެވެ. އަދި މަތި އޮމާންކޮށްލުމަށްފަހު އޭގެ މައްޗަށް ޗީޒް އަޅައިލާށެވެ. އަދި އެއަށްފަހު އެ ޕައި އަވަނަށް ފިހެންލާށެވެ.
° ޕައި އަވަނުގައި ފިހޭނީ 35-40 މިނެޓަށެވެ. އެހާއިރު ވާއިރު މަތި ހުންނާނީ މުޝި ކުލަ އަރައި، ކްރިސްޕީ ވެފައެވެ.




