ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އިއްޔެ ހޯދައި އެ މައްސަލައިގައި ދެ މީހުން ހައްޔަރުކޮށް، އެ މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ފުލުހުން މިއަދު ބުނީ މަސްތުވާތަކެތި ގެންގުޅެ، އޭގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ޑްރަގް އެންފޯސްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 3 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ.
ފުލުހުން ބުނީ އިއްޔެ ހިންގި މި އޮޕަރޭޝަނުގައި ދެ އުޅަނދެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ 3 ކިލޯއަށް ވުރެ ގިނަ ތަކެތި ވަނީ ފެނިފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ހަނީފް (36އ.) އަދި ފިޔާތޮށިވިލާ، ގއ. މާމެންދޫ / އަޒުހަދު ނަސީމް (28އ.) އެވެ.
މި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހަނީފް 5 ދުވަހަށް އަދި އަޒުހަދު ނަސީމް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.




