ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީން މާލޭގެ ދާއިރާތަކަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަށް ކެމްޕެއިން ކޮށްދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ”ދޮރުންދޮރަށް“ ހަރަކާތެއް މިއަދު ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ޕީއެންސީން މައުލޫމާތު ދީފައިވާ ގޮތުގައި މި ހަރަކާތް ފަށާނީ މިއަދު މެންދުރު 1:15، ޗާންދަނީމަގާއި މަޖީދީމަގު ގުޅޭ ޖަންކްޝަން ސަރަހައްދުންނެވެ.
މިއަދު އޮތީ މައްޗަންގޯޅި މެދު ސަރަހައްދުގެ ބައެއް ގެތަކަށް، ޕީއެންސީގެ ފަރާތުން ދޮރުންދޮރަށް ޒިޔާރަތް ކުރުމެވެ.
ޕީއެންސީގެ ދޮރުންދޮރަށް ހަރަކާތް ރައީސް މުޢިއްޒު ރަސްމީކޮށް ފައްޓަވައިދެއްވީ މި މަހުގެ 19 ވަނަ ދުވަހުގައެވެ. އެމަނިކުފާނު އެދުވަހު ވަނީ މާފަންނު ހުޅަނގު ދާއިރާގެ ބައެއް ގެތަކަށް ޒިޔާރަތް ކުރައްވައި ގިނަ ބަޔަކާ ބައްދަލުކުރައްވާފައެވެ.
އެ ދުވަހުގެ އެ ހަރަކާތުގައި ރައީސްގެ އަރިހު ބައެއް މިނިސްޓަރުންނާއި ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުންނާއި އެ ޕާޓީގެ ޓިކެޓުގައި މާލޭގެ ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއި ރައްޔިތުންގެ މަޖިލިހުގައި ޕީއެންސީ ތަމްސީލް ކުރައްވާ ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެ ޕާޓީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާފައިވާ މޫސާ އަލީ ޖަލީލް ވެސް ރައީސް މުއިއްޒުގެ އަރިހުގައި ގޭގެ އަށް ވަޑައިގެން ކެމްޕެއިން ކުރެއްވިއެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ ލީޑަޝިޕުން ބުނީ، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ރައީސް މާލޭގެ އެކި އަވަށްތަކުގެ ގޭގެއަށް ވަޑައިގެން އެ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.



