ލެބޯޓަރީގެ ޚިދުމަތް ނެތް ރަށްރަށުގައި އެ ޚިދުމަތް ޤާއިމްކުރުމަށް ސަރުކާރުން ފައްޓަވާފައިވާ މަޝްރޫޢުގެ ދަށުން، މިހާތަނަށް 11 ރަށެއްގައި ލެބޯޓަރީ ޤާއިމްކޮށް ޚިދުމަތް ދޭން ފަށާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ހެލްތު މިނިސްޓްރީން މަޢުލޫމާތު ދޭގޮތުގައި، މި އަހަރުގެ ނިޔަލަށް ލެބޯޓަރީގެ ޚިދުމަތް ނެތް 76 ރަށެއްގައި އެ ޚިދުމަތް ޤާއިމްކުރުމަށް ވަނީ ރޭވިފައެވެ.
މީގެ ތެރެއިން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް 11 ރަށެއްގައި ވަނީ ލެބޯޓަރީތައް ބިނާކޮށް، ރައްޔިތުންނަށް ޚިދުމަތް ދޭން ފަށާފައެވެ.
މި އަހަރު ނިމޭއިރު ކޮންމެ ރަށެއްގެ އާބާދީގެ ނިސްބަތުން އެ ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމްވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ މި ސަރުކާރުގެ މުހިންމު ވަޢުދެކެވެ.
ގިނަ ރަށްރަށުގައި އެކަށީގެންވާ ލެބޯޓަރީ ޓެސްޓުތައް ހެދޭނެ އިންތިޒާމު ނެތުމަކީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ. މީގެ ސަބަބުން އާދައިގެ ޓެސްޓެއް ހެދުމަށްވެސް ހޮސްޕިޓަލް ހުންނަ ރަށްރަށަށް ނުވަތަ މާލެއަށް ދަތުރުކުރަން ރައްޔިތުންނަށް ވަނީ މަޖުބޫރުވެފައެވެ. ސަރުކާރުގެ އަމާޒަކީ މި ދަތިތަކަށް ޙައްލެއް ހޯދައިދީ، ކޮންމެ މީހަކަށްވެސް އެ މީހަކު ހުރި ރަށަކުން އަސާސީ ޞިއްޙީ ޚިދުމަތްތައް ލިބޭނެ މަގު ފަހިކޮށްދިނުމެވެ.
ސަރުކާރުން ފާހަގަކުރައްވާ ގޮތުގައި، ލެބޯޓަރީގެ ޚިދުމަތް ރަށްރަށުގައި ޤާއިމްވުމުން ބައެއް ބަލިތައް ދުރާލާ ދެނެގަތުމަށް ފަސޭހަވެގެންދާނެއެވެ. މިއީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.



