ރާއްޖޭގެ ރީތި ތިމާވެށި ޙިމާޔަތްކޮށް، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލްކުރެވޭނީ އިޢާދަކުރުވަނިވި ސާފު ހަކަތަ ބޭނުންކުރުން އިތުރުކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިއަދަކީ ”ދުނިޔޭގެ ހަކަތައިގެ ދުވަސް“ ކަމުގައިވާތީ މި ދުވަހާ ގުޅޭގޮތުން ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ރައީސް ވިދާޅުވީ ރާއްޖޭގެ ރީތި ތިމާވެށި ޙިމާޔަތްކޮށް، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލްކުރެވޭނީ އިޢާދަކުރުވަނިވި ސާފު ހަކަތަ ބޭނުންކުރުން އިތުރުކޮށްގެން ކަމަށާއި ވޭތުވެގެން މިދިޔައީ، ރާއްޖޭގެ ތާރީޚުގައި ވެސް މި ރޮނގުން އެންމެ ރަނގަޅު ނަތީޖާ ޙާސިލްކުރި ދެ އަހަރު ކަމަށެވެ.
”އިރާދަކުރެއްވިއްޔާ މި 5 އަހަރުގެ ތެރޭ، އިޢާދަކުރުވަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު %33 އަށް މަތިކުރުމުގެ ލަނޑުދަނޑި ޙާޞިލްކޮށް، ޤައުމުގެ އިޤްތިޞާދަށް ހެޔޮ ބަދަލެއް ގެނަސްދޭނަން“ ރައީސް ވިދާޅުވިއެވެ.



