މާލޭގައި މިއަދު އެމްބިއުލާންސަކަށް ޖާގަ ނުދިން ޕިކަޕް ޑްރައިވަރު 750 ރުފިޔާއިން ޖޫރިމަނާކޮށް، އޭނާގެ ލައިސަންސް ހިފަހައްޓައިފިއެވެ.
ފުލުހުން ބުނީ އެ ޑްރައިވަރަށް ދެން އެއްވެސް އުޅަނދެއް ނުދުއްވޭނެ ކަަމަށާއި އެ މައްސަލަ ދެން ފޮނުވާނީ ޓްރާންސްޕޯޓް މިނިސްޓްރީއަށް ކަމަށެވެ.
”މިނިސްޓްރީގެ ކޮމެޓީއަކުން ދެން ނިންމާނީ އެ މީހާއަށް ހަދާނެ ގޮތެއް“ ފުލުހުން ބުނެފައިވެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނީ އެކަމުގައި ފިޔަވަޅު އަޅަން ޖެހޭ ނަމަ އެކަން ކުރާނެ ކަމަށެވެ.
ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުން، ޕިކަޕުގެ ފަހަތުގައި އޮވެ އެމްބިއުލާންސުން ސައިރެން އަޅަމުން ދިޔައިރު ވެސް ޕިކަޕު ހުއްޓައިގެން އޮތީ މުދާ ބާލާށެވެ.
އެ ޕިކަޕް މަޑުކޮށްފައި އޮތުމުން އެމްބިއުލާންސާއި އެހެން ވެހިކަލްތަކަށް ވެސް ކުރިއަށް ނުދެވި ޓްރެފިކް ތޮއްޖެހިފައި އޮތެވެ. އެ ޕިކަޕް އެ ތަނުން ދިޔައީ މުދާ ބާލައި ނިމުމުންނެވެ.



